|
ކުދިޓީމުތަކުން ބޮޑެތި ޓީމުތައް ބަނދެލަނީ 15-06-2009
އިސްމާއީލް ހައިބަތު ދިވެހި ލީގުގައި އަބަދުވެސް ވަކިހިސާބަކުން ފެންނަ މަންޒަރެއް އޮވެއެވެ. ރާއްޖޭގެ ބޮޑެތި ކުލަބުތައް ބަޔެއް ފަހަރު ކުދި ކުލަބުތަކުގެ ކައިރިން ސަލާމަތްނުވިގެން އުޅޭ މަންޒަރެވެ. ނޭވާ ހޮޅިޔަށް އެޅިގެންދާ މަންޒަރެވެ. މިއަހަރުގެ ދިވެހި ލީގުގައިވެސް ދަނީ އެމަންޒަރު ތަކުރާރު ވަމުންނެވެ. ކުދި ކުލަބުތަކުގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރާ ބަޔެއް ކުލަބުތަކަށް ލީގުގައި އެހާއުހަށް ނޭރުނަސް ބަޔެއް ފަހަރު ބޮޑެތި ޓީމުތަކާއެކު ކުޅޭ ބަޔެއް މެޗު ތަކުގައި ނެރެފައިވާ ނަތީޖާގެ ސަބަބުން ބޮޑެތި ކުލަބުތައް ދާންނުޖެހޭ ޕްރެޝަރަށް ވެއްޓިފައި އެބަހުއްޓެވެ. އެގޮތުން ބަލާއިރު މިއަހަރުގެ ލީގުގައި އެންމެ ފުރަތަމަ ފެނުނު މިފަދަ މަންޒަރަކީ ވަރުގަދަ ވީބީ ސްޕޯޓްސް ކުލަބަށް ލީގުގައި ކުރިމަތިވި ވަރުގަދަ ގޮންޖެހުމެވެ. އަލަށް ފުރަތަމަ ޑިވިޝަނަށް އެރި އޭވައިއެލް އަތުން ވީބީއަށް މޮޅުނުވެވުނުތަނުގައި އެއްވަރުވެސް ނުކުރެވި 3-2 ން ވީބީ ބަލިވި މެޗާއެކު ކުދި ކުލަބުތަކުގެ ނުރައްކަލުގެ ރަނގަބީލު އެޅިގެން ދިޔައެވެ. ވީބީ ފިޔަވައި ދެން އޮތް ބޮޑެތި ކުލަބުތައް ކަމުގައިވާ ނިއުރޭޑިއަންޓާއި ވިކްޓްރީ އަދި ވެލެންސިއާއަށްވެސް މިއީ ސަމާސާ ކަމެއްގެ ގޮތުގައި ނުބެލުމަށް މިމެޗުގެ 3-2 ގެ ނަތީޖާ ވެގެންދިޔައީ އިންޒާރަކަށެވެ. ކަންތައް ފެނިގެން ދިޔައީވެސް އެހެންނެވެ. ކުދި ކުލަބުތަކުގެ ކުރިމަތީގައި އިސްޖަހައިގެން ފައިބަން ޖެހުނީކީ ހަމައެކަނި ވީބީއަކަށްނޫނެވެ. ވިކްޓްރީ އާއި ނިއުރޭޑިއަންޓް އަދި ވެލެންސިއާއަށްވެސް ވަނީ ކުދި ކުލަބުތަކުގެ ކުރިމަތީގައި ލަދު ގަންނަން ޖެހިފައެވެ. އިސްއޮބާލައިގެން ފައިބަން ޖެހިފައެވެ. އެހެންކަމުން ލީގުގެ މިހިސާބަށް ކުޅުންދިޔައިރު މިތަޖްރިބާ ކުރަން ނުޖެހޭ ބޮޑު ކުލަބެއް ނެތެވެ. ސާފު ރެކޯޑެއް ލިބުނު އެންމެ ކުލަބެއްވެސް ނެތެވެ. ލީގުގައި ދެން ފެނުނީ ނިއުރޭޑިއަންޓަށް މާޒިޔާ ކައިރީގައި ޖެހުނު ހާލެވެ. ނިއުއިން ޖެހި ވަރަކަށް މާޒިޔާއިންވެސް ދިޔައީ މިމެޗުގައި ލަނޑު ޖަހަމުންނެވެ. ކުޑައެއް ބޮޑެއް މިމެޗުގައި ތަފާތެއް ނުވިއެވެ. މެޗު ނިމުނުއިރު ނިއުއިން 3 ލަނޑު ޖެހިފަދައިން މާޒިޔާއިންވެސް 3 ލަނޑު ޖެހިއެވެ. ދެން އައީ ވިކްޓްރީގެ ދުވަހެވެ. ވިކްޓްރީއާ ޖެހުނީ ވީބީއާވެސް ޖެހުނު އޭވައިއެލްއާއެވެ. އުމުރުން ކިތަންމެ ދޮއްޓަސް ކުލަބު ކިތަންމެ ބޮޑަށް ވިކްޓްރީއަށްވެސް ޖެހުނީ ކުޑަކުޑަ އޭވައިއެލް ކައިރީގައި ކުޑަވާށެވެ. ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. ދެން މިފަދަ ހިތިކަމެއް އިޙްސާސްނުކޮށް އެހިސާބަށް ދިޔައިރު އޮތީ ވެލެންސިއާއެވެ. ނަމަވެސް ލީގުގައި ވެލެންސިއާވެސް ކުޅުނު ފުރަތަމަ މެޗާއެކު ވީބީ އާއި ނިއު އަދި ވިކްޓްރީ ދިޔަ މަރުޙަލާއަށް ވެލެންސިއާވެސް ދިޔައެވެ. ވެލެންސިއާއަށް ޖެހުނީ މާޒިޔާއާ ދެކޮޅަށެވެ. މިމެޗުން 2-1 ން ވެލެންސިއާ ބަލިވެ ވެލެންސިއާވެސް ކުޑަ ކުލަބެއްގެ ޝިކާރައަކަށް ވެގެން ނިމުނެވެ. އެއަށްފަހު ދެން ފެނުނީ ބޮޑެތި ކުލަބުތަކުން "އާނދޮގޭ" ކިޔާފައި ނުކުތްތަނެވެ. ކުދި ކުލަބުތަކުގެ ކޮޅަށް ހިތުހުރި ވަރަކަށް ލަނޑު ޖަހަމުންދިޔަ މަންޒަރުވެސް ފެނުނެވެ. ނަތީޖާއަކަށްވީ މާޒިޔާ ނޫން އެހެން ހުރިހާ ކުލަބެއް މަޑުމަޑުން "ސައިޒަށް" ތިރިވަމުން ދިޔުމެވެ. މާޒިޔާ އަދިވެސް ފެންނަނީ ވަރުގަދަކޮށެވެ. ބަޔެއް ކުދި ކުލަބުތައް ސައިޒަށް ތިރިވިއިރު ބޮޑެތި ބަޔެއް ކުލަބުތައް އުސޫލެއްގެ ގޮތުން އޮތީ ސައިޒަށްވުރެސް ކުޑަވެފައެވެ. އެހެން މިދެންނެވީ ލީގު ހޯދުމުގައި ވަރަށްބޮޑުތަން ފަހަތަށް ގޮސްފައިވާތީއެވެ. ލީގުގެ ފަހަތަށް ބަޔެއް ކުދި ކުލަބުތައް ސޮއްސާލިޔަސް އެމީހުން މިހާރުވެސް އެދަނީ ދޭތެރެ ދޭތެރެއިން ބޮޑު ކުލަބަކަށް ބިރު ދައްކާލަމުންނެވެ. އެގޮތުން ލީގުގައި އެންމެފަހުން ފެނުނު މެޗު ތަކަށް ބަލާއިރު ނިއުރޭޑިއަންޓަށް މޮޅުނުވެވިގެން އުޅުނު މަންޒަރަކީވެސް ގަބޫލު ކުރަން އުދަނގޫ ކަމަކަށްވިއެވެ. ނިއުގެ އުމުރުން ކިތަންމެ ދުވަހެއްވެ، ކިތަންމެ މަޝްހޫރު ކުޅުންތެރިންތަކެއް ތިބަސް އަދި ޓީމު ސައިޒުގެ ގޮތުން ކިތަންމެ ބޮޑަސް ކުޑަކުޑަ ކަޅައިދޫ ވަނީ ބޮޑު ނަތީޖާއެއް ނެރެފައެވެ. އަނެއްކޮޅުން ވީބީ އާއި މާޒިޔާގެ ބައްދަލުވުންވެސް ވެގެންދިޔައީ ބޮޑާއި ކުޑައިގެ ތަފާތު ހަމަހަމަ ވެގެންދިޔަ މެޗަކަށެވެ. ކުދި ކުލަބުތަކުން ބޮޑެތި ކުލަބުތަކަށް ބަޔެއް ފަހަރު އެގޮތަށް ކުއްލި ސިހުމެއް ދިންނަމަވެސް އާއްމުކޮށް ދިގު މުއްދަތެއްގައި އެޓީމުތަކަށް އެނަތީޖާތައް ނުނެރެވޭކަން ފާހަގަ ކޮށްލެވެއެވެ. ނަތީޖާއަކަށް ވަނީ ލީގުން ދުވަހެއް މަދުވާވަރަކަށް ފަހަތަށް ފަހަތަށް ގޮސް ފުލުގައި ހަމަޖެހިލާނެ ފުރުޞަތު ލިބޭ ޓީމު ތަކަކީ އަބަދުވެސް ކުޑަ ކުލަބުތަކޭ މިޔާ ކުލަބުތަކަށް ވުމެވެ. |
||||||||||