HOME    

ވިކްޓްރީ- 2009 ގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމު

19-10-2009

ޖައުފަރު ރަޝީދު (ޖޯރޭ)

      2009 ގެ ފުޓްބޯޅަ ސީޒަން މިހާރު އެވަނީ ނިމިގެން ގޮސްފައެވެ. މިހިސާބުން މިއަހަރުގެ ސީޒަނުގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމުވެސް ވަރަށް ރަނގަޅަށް ސާފެވެ. 2009 ވަނަ އަހަރުގެ ސީޒަނުގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމުގެ މަގާމު ދޭނަމަ އެމަގާމު ދޭންޖެހޭނީ ދިވެހި ފުޓްބޯޅައިގައި ވަރުގަދަ ކާމިޔާބުތަކެއް ހޯދާފައިވާ ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. މިވަގުތު ރާއްޖޭގައި ކުޅެމުން އަންނަ މަޝްހޫރު ފުޓްބޯޅަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަދުވަސްވީ ވިކްޓްރީއަށް މިއަހަރު އެންމެ ކާމިޔާބު ޓީމަށް ވުމުގެ ޝަރަފް ލިބުނީ މިސީޒަނުގައި އެންމެގިނަ ތަށީ އުފުލާލައިގެންނެވެ.

     މިއަހަރުގެ ސީޒަން ވިކްޓްރީ ފެށީ ވަރަށް ބޮޑު ތަފާތެއް ދައްކަމުންނެވެ. ކުޅުންތެރިން ހޯދުމުގައި ވިކްޓްރީ މިއަހަރު ފެނުނީ މުޅިން ތަފާތު ސްޓައިލަކަށް އުޅުނު މަންޒަރެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ރެކޯޑު އަދަދަކަށް ވެލެންސިއާގައި ހުރި މުޚްތާރު ނަސީރު (ޓޫކިލޯ) ވިކްޓްރީއަށް ގެންދިޔުމާއެކު ވިކްޓްރީއަށް މިސީޒަނަކީ ކާމިޔާބު ސީޒަނަކަށް ހެދިދާނެ ކަމުގެ ރަނގަބީލު އެޅިގެން ދިޔައެވެ. އެއާއެކު ނިއުގެ މެދުތެރެ އާއި ފަހަތްވެސް ބަލަހައްޓާ މުޙައްމަދު ޝިފާން (ކުޑައްޓޭ) ވެސް ވިކްޓްރީއަށް ގެންދިޔައެވެ. ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ގިނަކުޅުންތެރިން ކުލަބުގައި ބައިތިއްބިއެވެ. އެހެންކަމުން މިއަހަރުގެ ސީޒަން ފެށިއިރު އެންމެ ވަރުގަދަ ސްކޮޑެއް ފެންނަން އޮތީ ވިކްޓްރީގައެވެ. ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިން ގިނައެވެ.

     ކުޅުންތެރިންގެ ގޮތުން ވިކްޓްރީ މުއްސަނދި ވެފައި އޮތްއިރު މެނޭޖްމެންޓްވެސް މުއްސަނދި ކަމުގައި ފެނުނެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ދަރިފުޅު ޝިޔާދު ގާސިމް ޓީމާ ޙަވާލުވެ ޓީމަށް ގިނަ ޚަރަދުތަކެއް ކުރަން ފެށިއެވެ. އެއާއެކު މިއަހަރު އެޓީމުގެ ކޯޗުވެސް ހަމަޖެހިގެން ދިޔައީ މީގެކުރިން ކޯޗަކާއެކު އެގްރީމެންޓް ނުހަދާފަދަ ޕްރޮފެޝަނަލް ގޮތަކަށް ކަމުގައި އެކުލަބުން ބުނެފައި ވެއެވެ. އަލީ ސުޒޭން ކޯޗަކަށް ހަމަޖައްސަައިގެން ވިކްޓްރީން ސީޒަނަށް ނުކުތީ ގަދަފަދަ ޓީމެއްގެ ގޮތުގައެވެ.

     ނަމަވެސް ސީޒަނުގެ ކުރީކޮޅު ވިކްޓްރީގެ އެންމެ އިތުބާރު ބަޔެއް ކުޅުންތެރިން ލިބުނު އަނިޔާގެ ސަބަބުން ވިކްޓްރީގެ ބެލުންތެރިންނަށް ބަދަލުވާން ޖެހުނެވެ. އޭގެތެރޭގައި ކީޕަރު އަދި ކެޕްޓަން އިމްރާން މުޙައްމަދާއި އިސްމާއީލް މުޙައްމަދު (އިއްސޭ) ހިމެނެއެވެ. ޚާއްސަކޮށް އިމްރާން ވިކްޓްރީގެ ގޯލުގައި ނެތި އެޓީމު ކުޅޭ ކޮންމެ މެޗެއްވެސް ފެނުނީ ވިކްޓްރީއަށް "ކޮރު މެޗެއް" ގެ ގޮތުގައެވެ. އިމްރާނަކީ އެޓީމުގެ "އެއްފައި" ފަދައެވެ. އެހެންކަމުން ސީޒަނުގެ ކުރީކޮޅު ވިކްޓްރީއަށް ފާޑުކިޔުން އަމާޒު ވަމުން ދިޔައެވެ. ވަރުގަދަ ސްކޮޑެއް އޮވެ ކޯޗު އަލީ ސުޒޭނަށް ރަނގަޅު ނަތީޖާ ތަކެއް ނުނެރެވޭ ކަމަށް ބުނެ ސަޕޯޓަރުން ދިޔައީ ކޮންމެވެސް ވަރަކަށް ނުރުހުމުގެ ބަސް ރައްދު ކުރަމުންނެވެ.

     ސީޒަނުގެ ފުރަތަމަ މުބާރާތް ކަމުގައިވާ ދިވެހި ލީގުގެ ކުރީކޮޅު ވިކްޓްރީއަށް ގަދަކަމާއެކު އަރައި ނުގަނެވުނަސް ލީގު ނިމުނުއިރު ވިކްޓްރީ ވަނީ ދެވަނަ ކަށަވަރު ކޮށްފައެވެ. އެއާއެކު ވިކްޓްރީއަށް ސީޒަން ފެށިއިރު ކުރި އުންމީދެއް ޙާސިލްވެސް ވިއެވެ. އެއީ އޭއެފްސީ ކަޕްގެ ޓިކެޓެއް ކަށަވަރު ވުމެވެ. ނަމަވެސް ތައްޓެއް ނެތި ވިކްޓްރީ ހުސްއަތާ ސީޒަން ނިންމާލައިފިނަމަ އޭއެފްސީ ކަޕްގައި ކުޅެން ލިބުނު ފުރުޞަތުގެ ހިތްހަމަޖެހުމުގެ ބޭނުމެއް ނެތްކަން އެޓީމުގެ ކުޅުންތެރިންނާއި ކޯޗަށް ވިސްނުމުން ދެން މަސައްކަތް ފެށިތަން ފެނުނީ ހުސްކަން ފަޅު ފިލުވާލާށެވެ. އެއާއެކު އެފްއޭކަޕްގެ ތަށި ވީބީ ބަލިކޮށް ވިކްޓްރީ އުފުލާލައި ވިކްޓްރީގެ ސަޕޯޓަރުންނަށް ކުޅުންތެރިންނާއި ކޯޗު އެދިނީ ރަނގަޅު އިނާމެކެވެ. އެފްއޭކަޕްގެ ތައްޓާއެކު ވިކްޓްރީ ދިން ޖަވާބުން ހަމައެކަނި ފުއްދާލީކީ ނޫނެވެ. ޕްރެޒިޑެންޓް ކަޕްގެ ފައިނަލަށްވެސް ގޮސް ވީބީ ބަލިކޮށް އެތަށި ހިއްލާލުމަށް ފަހު ސީޒަނުގެ ކުރީކޮޅު ވިކްޓްރީގެ ކުޅުމަށާއި ރޭވުމަށް ފާޑުކީ މީހުންގެ "އަނގަ މަތީގައި މަލަން" އެޅިއެވެ.

     ވިކްޓްރީ ނެގުމަށް ފަހު މިއަހަރު ދެން އެންމެ ކާމިޔާބު ޓީމަކަށް ވެގެންދިޔައީ ވީބީ ސްޕޯޓްސް ކުލަބެވެ. ވީބީ ވަނީ ދިވެހި ލީގުގެ އައްޑަނަ އުފުލާލާފައެވެ. ދެން އެންމެ ކާމިޔާބު ޓީމަކަށް ވެގެންދޔައީ މާޒިޔާއެވެ. މާޒިޔާ ވަނީ ދިވެހި ލީގުގެ 3 ވަނަ ހޯދުމަށް ފަހު ޕްރެޒިޑެންޓް ކަޕްގައިވެސް ކުޅެފައެވެ. މިއީ މާޒިޔާއަށް މުޅިން އާ މަރުޙަލާއެކެވެ.