HOME    

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކާމިޔާބުތަކެއް

09-09-2009

ޖައުފަރު ރަޝީދު (ޖޯރޭ)

       2007 ވަނަ އަހަރު ވީބީ ސްޕޯޓްސް ކުލަބްގެ ނަމުގައި ފުރަތަމަ ޑިވިޝަނަށް ފުޓްބޯޅަ ޓީމެއް ނެރެވުނީ ރާއްޖޭގެ ވަރަށްގިނަ މަހުޖަނުން ގުޅިގެން އުފައްދާފައިވާ އައިއެފްސީ ބަނގުރޫޓުވެ ބޮޑެތި ދަރަނިތަކެއް އެޅިފައި ވަނިކޮށް އެކުލަބު ގަތުމަށް ވީބީގެ އިސްވެރިން ދިޔުމުން އައިއެފްސީގެ މަސްއޫލުވެރި ފަރާތްތަކުން އާނބަސް ބުނުމުންނެވެ. އައިއެފްސީއަކީ އައްޑު އަތޮޅަށް ނިސްބަތްވާ އެތަކެއް މަހުޖަނުން ގުޅިގެން ހިންގޭތޯ އުޅުނު ކުލަބެކެވެ.

     2007 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ނުކުތީ އައިއެފްސީއެއްނޫނެވެ. ވީބީ ސްޕޯޓްސް ކުލަބެވެ. ކުލަބު ގަތުމަށް ފަހު ނަން ބަދަލުކޮށް މުޅި މަންޒަރު ބަދަލުކޮށްލިއެވެ. އެއާއެކު ގިބަބަޔަކު ބުނަމުންދިޔަ އެއްވާހަކައަކީ "ދެންވެސް ޖެހޭނީ ހަމަ އެއްތާކު" ކަމަށާއި "ވީބީ މީހުންނަށްވެސް ވާނީ ވަހިއްދީނާއި އައްޑޫ މީހުންނަށްވެސް ވީވަރު" ކަމަށެވެ. "ކިތަންމެ ބައިވަރު ފައިސާއެއް ހުއްޓަސް ކޮންމެ ކޮންމެ ބަޔަކަށް ފުޓްބޯޅަ ޓީމެއް ނުހިންގޭނެ" ކަމަށާއި "ދެންވެސް އޮންނާނީ ހަމަ ވިކްޓްރީ އާއި ނިއުރޭޑިއަންޓާއި ވެލެންސިއާ" ކަމަށްބުނެ ވީބީއަށް ފާޑުކިޔަމުން ދިޔައެވެ. އަދި ބޮޑު އަގުގައި ވީބީން އެހެން ކުލަބުތަކުގެ ކުޅުންތެރިން ގަންނަން އުޅެން ފެށުން ވެގެންދިޔައީ ނިއު އާއި ވިކްޓްރީ އަދި ވެލެންސިއާގެ ސަޕޯޓަރުންގެ ރުޅި ވީބީއަށް އިތުރަށް އަމާޒުވި ކަމަކަށްވިއެވެ. އެއާއެކު "އޯކިޑާއި އައިއެފްސީންވެސް އުޅުނީ ތިހެންނޭ، ކަލޭމެންނަށްވެސް ވާނީ އެވަރޭ" ބުނެ ވީބީއަށް މަލާމާތް ރައްދު ކުރަމުންދިޔަ އެތަކެއް ސަޕޯޓަރުންނެއް އެބަތިއްބެވެ.

     ނަމަވެސް މަންޒަރު ފެންނަމުން މިދަނީ ވަރަށް ތަފާތު ގޮތަކަށެވެ. ބަނޑޮހުގެ އޯނަރު ވަހީދުއްދީން (ޑީން) އުފެއްދި އޯކިޑް ސްޕޯޓްސް ކުލަބާއި އައްޑޫއަށް ނިސްބަތްވާ ވިޔަފާރިވެރިންގެ ފައުޖު ގުޅިގެން އުފެއްދި އައިއެފްސީ ދަތުރުކުރި މަގާއި ވީބީ ދަތުރު ކުރަމުންދާ މަގާއި މިސްރާބު ވަރަސް ތަފާތެވެ. އޯކިޑާއި އައިއެފްސީން ގެންގުޅުނު ޕޮލިސީ އާއި ވީބީން ގެންގުޅެމުން އަންނަ ޕޮލިސީވެސް ވަރަށް ތަފާތެވެ. ތަފާތު ތަޖުރިބާ ތަކާއި އެކިއެކި ގޮންޖެހުންތަކާއެކުވެސް ވީބީ އެމައްސަކަތް ކުރަމުންދަނީ އެމީހުންނާ ދިމާއަށް 2007 ވަނަ އަހަރު އުކާފައިވާ "ގަޅިތަކުން" ސަލާމަތްވެ ތިބެ ކުރިޔަށްދާށެވެ.

     ނަތީޖާއަކަށްވީ 2007 ވަނަ އަހަރު އެމީހުންގެ އަތުގައި ތައްޓެއް ނުޖެހުނަސް އެއަހަރުގެ ސީޒަން ނިމުނުއިރު ވީބީވެސް އެތަކެއް ކަމެއް ހަޖަމް ކުރުމަށްފަހު ފޯމަކަށް އެޅިލުމެވެ. ފަހަރުގައި އެއަހަރަކީ އެކުލަބުގެ ވޯމްއަޕް އަހަރު ކަމަށްވެސް ވެދާނެއެވެ. ނަތީޖާއަކަށްވީ 2008 ވަނަ އަހަރުގެ ސީޒަނުގައި މުހިންމު ތަށްޓެއް ހޯދުމެވެ. ދިވެހި ކުލަބުތަކުން މިހާރު އެންމެ ބޭނުންވާ ދެމުބާރާތުގެ ތެރެއިން އެއްމުބާރާތް މިދިޔަ އަހަރު ވީބީ ހޯދުން ވެގެންދިޔައީ އެކުލަބު ދިވެހި ފުޓްބޯޅައިގެ ތާރީޚްގެ ތެރެއަށް ވަނުމަށެވެ. ވީބީގެ އަލަތު ތައްޓަށް ވެގެންދިޔައީ މިދިޔަ އަހަރުގެ އެފްއޭކަޕެވެ. އެފްއޭކަޕްގެ ޗެމްޕިއަންކަން ވީބީ މިދިޔަ އަހަރު ހޯދުމާއެކު އެކުލަބަކީވެސް ދިވެހި ފުޓްބޯޅައިގައި ބޮޑު ކުލަބެއްގެ ގޮތުގައި ގިނަބަޔަކު ބަލައިގަތެވެ. އެތަށީގެ ހިޔަނީގައި ވީބީ ވަނީ މިއަހަރު އޭއެފްސީ ކަޕްގައި ރާއްޖެ ތަމްސީލް ކޮށްފައެވެ. މިއީވެސް އުމުރުން 3 އަހަރުގެ ކުޑަކުޑަ ތާރީޚެއް އޮތް ވީބީ ހޯދި ވަރަށްބޮޑު ފަޚްރެކެވެ. އަދި އޭއެފްސީ ކަޕްގައި އެޓީމު ދެއްކި ކުޅުންވެސް ގޯހެއްނޫނެވެ.

     އެއަށްފަހު މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި އެޓީމަށް ލިބުނު އެންމެބޮޑު ކާމިޔާބަކަށްވީ މިއަހަރުގެ ދިވެހި ލީގު ޗެމްޕިއަންކަން ލިބުމެވެ. ދިވެހި ފުޓްބޯޅައިގެ ތެރެއަށް ވީބީ ނުކުތްއިތު ދިވެހި ފުޓްބޯޅައިގައި ރަސްކަން ކުރަމުން އަންނަ ވިކްޓްރީ އާއި ނިއުރޭޑިއަންޓް އަދި ވެލެންސިއާ ފަހަތަށް ޖައްސާލުމަށް ފަހު މިއަހަރުގެ ދިވެހި ލީގު ވީބީ ހޯދީވެސް މާބޮޑު ޕްރެޝަރެއް ނެތި ވަރަށް ހަމަޖެގެން ތިބެއެވެ. ލީގުގައި ވީބީއަށްވެސް އަދި އެހެން ޓީމުތަކަށްވެސް ބާކީ މެޗު ހުއްޓައެވެ. ޚާއްސަކޮށް ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ލީގު ޗެމްޕިއަންކަން ވީބީން ކަށަވަރު ކުރިއިރު ގަދަ ހަތަރެއްވެސް ބަޔެއް ކުލަބު ތަކަށް ކަށަވަރު ނުވާކަމެވެ. އޭގެތެރޭގައި ރާއްޖޭގެ އެންމެބޮޑު އެއްކުލަބު ކަމުގައިވާ ނިއުރޭޑިއަންޓުވެސް ހިމެނެއެވެ.

     ވީބީގެ މިކާމިޔާބާއެކު އަންނަ އަހަރުވެސް އޭއެފްސީ ކަޕްގައި އެމީހުން ކުޅޭނެއެވެ. އުމުރުން 3 އަހަރުގައި ވީބީ ހޯދި ދެތަށި ވެގެންދިޔައީ މިހާރު ކޮންމެ ކުލަބަކުންވެސް ސީޒަން ފަށާއިރު އެންމެބޮޑަށް ޓާގެޓްކުރާ ދެތައްޓަށެވެ. މާލީގޮތުންވެސް މިއީ އެންމެ މުހިންމު ދެމުބާރާތް ކަމުގައި ވަނީ ވެފައެވެ. ދިވެހި ލީގަކީ މިއަހަރުގެ އަލަތު ތަށި ކަމަށްވާތީ މިއަހަރު އިތުރު ތަށި ހޯދުމުގެ ފުރުޞަތުވެސް ވީބީއަށް އެބައޮތެވެ. ތިންއަހަރު ފުރޭއިރު އަހަރަކަށް ތައްޓެއްގެ ރޭޓުން ތިންތަށި ހަމަކޮށްލުމުގެ ފުރުޞަތުވެސް ވީބީއަށް މިސީޒަނުގައި އަދި އެބައޮތެވެ.