HOME    

ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ވީބީ ރެކޯޑު ތަކަކާއެކު

01-06-2009

ލާލް

      ރާއްޖޭގައި ކުޅެމުން އަންނަ އެންމެ ޝަރަފްވެރި އަދި އެންމެބޮޑު ލީގަކީ ދިވެހި ލީގު ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތުގެ ފުރަތަމަ ބުރު ނިމި މިހާރު ވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. 21 މެޗު ހިމެނޭ ފުރަތަމަ ބުރު ނިމިގެންދިޔައީ ތަފާތު މަންޒަރުތަކެއްވެސް ދައްކާފައެވެ. ދެވަނަ ބުރަށް އައިއިރު އެވާހަކަ ތަކަކީ ދައްކާލުން މުހިންމު ވާހަކަ ތަކަކަށް ވެދާނެއެވެ. ސަބަބަކީ ލީގުގެ ފުރަތަމަ ބުރުގައި ޓީމުތައް ނެރުނު ނަތީޖާގެ އަސަރު ކުރިޔަށް ހުރި މެޗު ތަކަށްވެސް އެކިސިފަސިފައިގައި ފޯރާނެތީއެވެ.

     އެގޮތުން ވަތަނިއްޔާއިން ސްޕޮންސަރ ކުރުމުގެ ސަބަބުން ވަތަނިއްޔާ ދިވެހި ލީގުގެ ނަމުގައި ކުރިޔަށްދާ ބޮޑު ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު ހުރިހާ ގޮތަކުންވެސް އެންމެބޮޑު ހިތްހަމަޖެހުމެއް ހޯދާފައި ވަނީ އުމުރުން އެންމެ 3 އަހަރު ގުނަމުންދާ ވީބީ ސްޕޯޓްސް ކުލަބެވެ. ސަޕޯޓަރުން މަދު ނަމަވެސް ސަޕޯޓަރުން އެންމެގިނަ ކުލަބުތައް ފަހަތަށް ޖައްސާލުމަށް ފަހު ވީބީ ވަނީ ލީގުގެ އެކިދިމާތަކުން ރެކޯޑުތަކެއް އެންމެ ކުރި ހޯދާފައެވެ.

     އެގޮތުން ލީގުގެ ފުރަތަމަ ބުރު ނިމިގެންދިޔައިރު ވީބީގެ އަތުގައި ދެތިން ރެކޯޑުތަކެއް އެބަހުއްޓެވެ. އެހެން ކުލަބުތަކާ އަޅާކިޔާއިރުއެވެ. ފުރަތަމަ ކަމަކީ ލީގުގެ ފުރަތަމަ ބުރު 1 ވަނައިގައި އޮވެ ވީބީ ނިންމާލުމެވެ. އެއީ 13 ޕޮއިންޓާއެކުއެވެ. ފުރަތަމަ ބުރުގައި އެންމެގިނަ ޕޮއިންޓް ހޯދުމުގެ ރެކޯޑު ވީބީގެ އަތުގައި އޮތްއިރު އެންމެގިނަ މެޗުން މޮޅުވެފައި ވަނީވެސް ވީބީ އެވެ. ކުޅުނު 6 މެޗުގެ ތެރެއިން ވީބީ އޮތީ 4 މެޗުން މޮޅުވެފައެވެ. މޮޅުވި މެޗަށް ބަލާއިރު ދެން އެންމެގިނަ މެޗުން މޮޅުވި ވިކްޓްރީ އާއި މާޒިޔާ މޮޅުވެފައި ވަނީ 3 މެޗުންނެވެ. ފުރަތަމަ ބުރުގައި ވީބީއަށް ލިބޭ އަނެއް ރެކޯޑަކީ އެންމެގިނަ ލަނޑު އިދިކޮޅު ޓީމުތަކުގެ ކޮޅަށް ޖެހުމެވެ. މިކަމުގައި ވީބީ ފެނުނީ އެހެން ހުރިހާ ޓީމަކާ އެތައްގުނައެއް ކުރީގައި އުޅުނު މަންޒަރެވެ. ވީބީ ވަނީ ފުރަތަމަ ބުރުގައި 19 ލަނޑު ޖަހާފައެވެ. ލަނޑު ޖެހުމުގައި ވީބީއާ އެންމެ ކައިރިކުރި ވިކްޓްރީއަށް ޖެހިފައި ވަނީ 14 ލަނޑެވެ. މިއީ ވީބީއަށްވުރެ 5 ލަނޑު މަދު އަދަދެކެވެ. ފައިދާ ގޯލާ ދިމާއަށް ބަލާއިރު މިކަމުގައިވެސް ފުރަތަމަ ބުރުގެ ރެކޯޑު އޮތީ ވީބީގެ އަތުގައެވެ. ވީބީން ފުރަތަމަ ބުރު ނިންމާލިއިރު 13 ގޯލު ފައިދާގެ ގޮތުގައި ނަގާފައިވެއެވެ. ވީބީއާ އެންމެ ކައިރީގައި އޮތީ ވިކްޓްރީއެވެ. ވިކްޓްރީއަށް ލިބިފައި ވަނީ 8 ލަނޑުގެ ފައިދާއެކެވެ. މީގެއިތުރުން ލީގުގެ އެއްމެޗެއްގައި އެންމެގިނަ ލަނޑު އިދިކޮޅު ޓީމުގެ ކޮޅަށް ފުރަތަމަ ބުރުގައި ޖެހުމުގެ ރެކޯޑުވެސް އޮތީ ވީބީގެ އަތުގައެވެ. އެމީހުން ވަނީ ކަޅައިދޫއާއެކު ކުޅުނު މެޗު 7-0 ން ކާމިޔާބު ކޮށްފައެވެ. މިކަމުގައިވެސް ވީބީއާ އެންމެ ކައިރީގައި އޮތީ ވިކްޓްރީއެވެ. ވިކްޓްރީ މޮޅުވެފައިވާ އެންމެ ތަފާތު ބޮޑު ނަތީޖާއަކީ 5-0 އެވެ. އެއީވެސް ކަޅައިދޫއާ ދެކޮޅަށެވެ.

     ދެން އޮތީ ބަލިވި މެޗުތަކާއި އެއްވަރުވި މެޗު ތަކާއި ބައިކޮޅަށް ވަތް ލަނޑުތަކުގެ ވާހަކައެވެ. މިކަމުގައި ވީބީގެ އަތުގައި ރެކޯޑެއް ނެތެވެ. އަދި އެހެން ކުލަބެއްގެ އަތުގައިވެސް ރެކޯޑެއް ނެތެވެ. ދެވަނަ ބުރުގެ ކުޅުން ފަށައިގެން އަދިވެސް ވީބީ ދަނީ އެމީހުންގެ ރެކޯޑުތަކާއެކު ކުރިޔަށެވެ. ނަމަވެސް ލީގުގެ ކުރިޔަށް ހުރި މެޗުތަކުގައި މިނަތީޖާތައް ނުވަތަ މިރެކޯޑުތައް އެހެން ކުލަބަކުން ހޯދުމަކީވެސް ދުރުކަމެއް ނޫނެވެ. ލީގުގައި އަދި ކުލަބުތައް އުޅެނީ ވަރަށް ކައިރި ކައިރީގައެވެ. އެއްކުލަބު އަނެއް ކުލަބަށް މިވަގުތު އޮތީ އަތްފޯރާ ފަށުގައެވެ.