|
ޕޮލިސް ކަމިޝަނަރ ވޮލީ ޓީމާއެކު.... 01-06-2009
ޖައުފަރު ރަޝީދު (ޖޯރޭ) "ރާއްޖެ ކުޅިވަރު" ގެ "މީހުން" ކޮލަމުގައި ފުލުހުންގެ އިސްވެރިޔެއް ނުވަތަ ސިފައިންގެ އިސްވެރިޔެއް ނުވަތަ ދައުލަތުގެ މިނިސްޓަރެއް ފެންވަރު ބޭފުޅެއްގެ ވާހަކަތަކެއް ގެނެއުމުން ކުޑަކޮށް ހިނިވެސް އަތުވެދާނެއެވެ. އަދި ފާޑުވެސް ކިޔައިދާނެއެވެ. ނަމަވެސް ކަމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހުގެ ވާހަކަކޮޅެއް މިކޮލަމުގައި ގެނެސްދިނުމުން "އެއީ ދެން ކޮންކަހަލަ ބޭފުޅެއްހޭ، ކުޅިވަރާ ގުޅުމެއްވެސް ނެތެއްނޫންހޭ" ބުނާނެ އެކަކުވެސް ނުހުންނާނެއެވެ. އެއީ ޔަގީން ކަމެކެވެ. ރަނގަޅެވެ. ފަސީހަކީ ކަމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި މިހާރު ހުންނެވި ފަރާތެވެ. އެކަމަކު ފުލުހުންގެ މަސައްކަތް ކަމަށް ގިނަމީހުން ގަބޫލުކުރާ ވާހަކަ ނުދައްކައި ހަމައެކަނި ކުޅިވަރުގެ ތެރެއިން ދިޔަނަމަވެސް ފަސީހާމެދު ދެއްކިދާނެ ވާހަކަތައް ވަރަށްގިނައެވެ. ސަބަބަކީ ޕުލުހުންގެ އިސްވެރިޔެއްގެ ގޮތުގައި ހުންނެވި ނަމަވެސް ފަސީހަކީ ކުޅިވަރުގެ ބޭފުޅަކަށް ވުމެވެ. ޚާއްސަކޮށް ވޮލީއަކީ ފަސީހު ވަރަށް ލޯބިކުރައްވާ ކުޅިވަރެއްކަން ފަސީހުގެ އަމަލުފުޅުތަކުން ދައްކައިދީފައި ވުމެވެ. މިއީ ކަމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ފަސީހު ވަޑައިގަތުމުގެ ކުރިންވެސް ފަސީހު ފެނިގެންދިޔަ ދާއިރާއެކެވެ. ފުލުހުންގެ ފިރިހެން ވޮލީ ޓީމެއް ކުޅުނަސް އަދި އަންހެން ވޮލީ ޓީމެއް ކުޅުނަސް އެކުޅުންތެރިންގެ ކުޅުން ބައްލަވަން ފަސީހު އިންނަވާނެއެވެ. ފަހަރުގައި ގައުމީ ފެންވަރުގައި ފުލުހުން މިހާތަނަށް ކުޅުނު އެއްވެސް މެޗެއް ނުބައްލަވައި ފަސީހު ދޫކޮށްލާފަ ނޯތުމަކީވެސް ކައިރި ކަމެކެވެ. ފުލުހުންގެ ވޮލީ ޓީމެއް އެއްކޮޅުން ކުޅޭނަމަ ސްޓޭޖު މަތީގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ގިނަބަޔަކު އެންމެ އަޅައިގަންނަވާނީ ފަސީހު އެތަނުގައި އިންނަވާތީއެވެ. ހަގީގަތުގައިވެސް ވޮލީއަކީ ފަސީހު ވަރަށް ލޯބިކުރައްވާ ކުޅިވަރެކެވެ. ފުލުހުންގެ ވޮލީޓީމަށް އެންމެބޮޑު ހިތްވަރެއް ދެއްވާ ބޭފުޅަކީ އަބަދުވެސް ފަސީހު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ފުލުހުންގެ ވޮލީ ޓީމުގެ ސީނިއަރ ކުޅުންތެރިޔަކު ބުނީ ފަސީހަކީ ފުލުހުންގެ ވޮލީ ޓީމުގެ ހަގީގީ "ކެޕްޓަން" ކަމަށެވެ. އަދި އެންމެބޮޑަށް އެކުޅުންތެރިންނަށް ހިތްވަރު ލިބިގެންދާ އެއްސަބަބަކީ ފަސީހު އަބަދުވެސް ސްޓޭޖުގައި އެކުޅުންތެރިންގެ ކުޅުން ބައްލަވަން އިންނަވާތީ ކަމަށެވެ. ހަގީގަތުގައިވެސް ފަސީހާ ވޮލީޓީމާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. އެއީ ކަމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ވަޑައިގަތުމުން އުފެއްދެވި ގުޅުމެއްނޫނެވެ. އޭގެމާކުރިންވެސް ފަސީހު ހުންނެވީ ވޮލީ ޓީމުގައެވެ. ފުލުހުންގެ ބަޔެއް ކުޅުންތެރިން ގަބޫލު ކުރާގޮތުގައި ފަސީހަކީ އެޓީމުގެ ކުޅުންތެރިޔެކެވެ. ފުލުހުންގެ ކުޅުންތެރިން އިނާމުދޭ ރަސްމިއްޔާތު ތަކުގައި ސްޓޭޖަށް އެރުމަށް ފަހު ބަޔެއް ފަހަރު އެންމެ ފުރަތަމަ ސަލާމް ކުރާ ބޭފުޅަކަށްވެސް ފަސީހު ވެގެންދެއެވެ. ވޮލީއާ ފަސީހާ އެހާބޮޑު ގުޅުމެއް އޮންނަ ސަބަބެއް ނޭނގެއެވެ. ހަމަގައިމުވެސް ފުލުހުންގެ އެހެން އެއްވެސް ވެރިޔެއްގެ ފަރާތުން ފަސީހުގެ ހުރިފަދަ ޝައުގުވެރިކަމެއް ވޮލީއަށް ހުރިތަނެއް ނުފެނެއެވެ. ދިވެހި ވޮލީ ފަސީހުގެ ޚިދުމަތް ބަލައިގެންފިއެވެ. ފަސީހުގެ ޚިދުމަތް ދިވެހި ވޮލީއަށް ވަރަށް މުހިންމެވެ. ވަރަށް ބޭނުމެވެ. ފުލުހުންގެ ވޮލީޓީމުގެ ދިރުމަކީ ފަސީހު ކަމުގައި ވެއްޖެއެވެ. |
||||||||||