|
ކީޕަރުންގެ މާސްޓަރ 23-07-2009
ލާލް ރެޖީނާ އިބްރާހިމް ރަޝީދު ނުވަތަ ރެޖީނާއަކީ މީގެ އަހަރު ތަކެއް ކުރިން ނިއުރޭޑިއަންޓުގެ ގޯލްކީޕަރަކަށް ހުއްޓައި ފެނުނު ހުޝިޔާރު ގޯލްކީޕަރެކެވެ. 1990 ގެ އަހަރު ތަކުގައި ނިއުރޭޑިއަންޓުގެ ގޯލް ވަރަށް ފުރިހަމައަށް ބަލަހައްޓަނިކޮށް ނިއުގެ ގޯލު އޭނާއަށް ގެއްލިގެން ދިޔައީ 1990 ގެ ފަހުކޮޅު ނިއުގެ ކޯޗަކަށް ހުރި އިނގިރޭސި ކޯޗު ކެންމޯޓަންގެ ބަދަލުތަކެއްގެ ތެރެއިންނެވެ. ރެޖީނާ ވައްޓާލި ކީޕަރަކަށް ވެގެންދިޔައީ ނިއުގެ ކީޕަރުކަން އޭރު އަލަށް ކުރަންފެށި ނަމަވެސް މިހާރު ކުޅުމާއި ވަކިވެ ނިއުގެ ގޯލްކީޕަރ ޓްރޭނަރަކަށް ހުރި އަސްލަމް އަބްދުއްރަހީމެވެ. ވެލެންސިއާއިން ފައިނަލް މެޗެއްގައި ނިއުގެ ކޮޅަށް 7 ލަނޑު ޖެހި ވާހަކައަކީ އަދިވެސް ފުޓްބޯޅަގައި މަޝްހޫރު ވާހަކައެކެވެ. ނަމަވެސް ވެލެންސިއާއިން ނިއުގެ ކޮޅަށް ފައިނަލް މެޗެއްގައި 7 ގޯލު ޖެހުމުން އެންމެންވެސް ބުނަމުން ދިޔައީ "ރެޖީނާ ހުރިނަމަ އެހެން ނުވީސް" ކަމަށެވެ. ތާރީޚްގެ ތެރެއަށް އެބައި ދޫކޮށްލަމާހެއްޔެވެ؟ ރެޖީނާ ހުރިނަމަ އެހެން ނުވީހޭ، މިހެންވީހޭ ކިޔުމުގެ މާނައެއް ނެތެވެ. ދިވެހި ފުޓްބޯޅައިގެ ތާރީޚްގައި އެވާހަކަ އެއޮތީ ލިޔެވިފައެވެ. ނަމަވެސް ރެޖީނާގެ ހަނދާންތަކުގެ ތެރެއަށް ނިއުގެ ސަޕޯޓަރުން ގެންދުވާފާނެ ވާހަކައަކަށް އެވާހަކަ ވެދާނެއެވެ. ނިއުގެ ކީޕަރަކަށް ކުޅުމަށް ފަހު ރެޖީނާ ފުޓްބޯޅައިން ގެއްލިގެން ދިޔައީ ކުއްލިއަކަށެވެ. އަސްލަމަށް ރެޖީނާގެ މަގާމު ނިއުއިން ދޭންފެށި ހިސާބުން ރެޖީނާ ބާކީވާން ފެށިއެވެ. ރެޖީނާގެ މުހިންމުކަން ކެނޑެން ފެށިއެވެ. އެއާއެކު ރެޖީނާ ނިއުއިން ގެއްލުނެވެ. ނަމަވެސް ދިވެހި ފުޓްބޯޅައިން ރެޖީނާ މުޅިން ގެއްލިގެން ނުދާކަން ކަށަވަރުވީ ކުޅުން ހުއްޓާލިތާ އެތައް އަހަރެއް ފަހުންނެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ކޮންމެވެސް ސިފައެއްގައި ފުޓްބޯޅައިގައި އުޅުނު ނަމަވެސް ފާހަގަ ކުރެވޭ ކަހަލަ ގޮތަކަށް އާއްމުންގެ ކުރިމައްޗަށް ރެޖީނާ ނުކުތީ މިއަހަރުއެވެ. އޭވައިއެލްއާއެކުގައެވެ. ރެޖީނާއަކީ މިހާރު އޭވައިއެލްގެ ކީޕަރުންގެ މާސްޓަރެވެ. ނުވަތަ ޓްރޭނަރެވެ. އޭވައިއެލްގެ ކީޕަރ ޓްރޭނަރަކަށް ރެޖީނާ މަސައްކަތް ކުރުމަކީ ގައިމުވެސް އެޓީމުގެ ގޯލްކޯޕަރުންނަށް އަގުހުރި ފިލާވަޅުތަކެއް ލިބޭނެ ކަމަކެވެ. ރެޖީނާއަކީ ކުޅުނު ދުވަސްވަރު މޮޅު ކީޕަރެކެވެ. ކާމިޔާބު ކީޕަރެކެވެ. ލޯ ހުޅުވޭ ކީޕަރެކެވެ. އެހެންކަމުން ރެޖީނާއަށް ދަސްވެފައިވާ ކަމެއް އެހެން ކީޕަރުންނަށް ބުނެދިނުމަކީ ފުޓްބޯޅައިގައި މުހިންމު ކަމެކެވެ. ޚާއްސަކޮށް މޮޅު ކީޕަރުން އުފެދުން މަދު މިރާއްޖޭގައި ރެޖީނާ އެކުރަނީ ވަރަށް މުހިންމު މަސައްކަތެކެވެ. އެކަން އެހެންމީހުންވެސް ބަލައިގަންނާނެއެވެ. |
||||||||||