|
ޝިޔާދުގެ އިސްތިއުފާ.... 31-05-2009
ލާލް މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ކުލަބުތައް ނުކުތްއިރު އެންމެގިނަ ބަޔަކަށް ޙައިރާންކަން ގެނުވި އެއްކަމަކަށްވީ ރާއްޖޭގެ އެންމެ ދުވަސްވީ ކުލަބު ކަމުގައިވާ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ޗެއާރމަނަކަށް ރާއްޖޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ބޭފުޅެއްގެ ދަރިޔަކު އިސްކުރުމެވެ. މަޝްހޫރު ވިލާ ކުންފުނީގެ ޗެރމަން ގާސިމް އިބްރާހިމްގެ ދަރިކަލުން ޝިޔާދު ގާސިމް ވިކްޓްރީގެ ޗެއާރމަންކަމަށް ވަޑައިގަތުމާއެކު ވިކްޓްރީގެ ސަޕޯޓަރުންގެ މޫނު މައްޗަށް އައީ ބުނަންވެސް ނޭނގޭފަދަ ހިނިތުންވުމެކެވެ. އެއަށްފަހު ފެނިގެންދިޔައީ ރާއްޖޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މުޚްތާރު ނަސީރު (ޓޫކިލޯ) ގެންގޮސް އަދިވެސް ވިކްޓްރީން އަތްފޯރާ ފަށުގައި ތިބި ހުރިހާ ކުޅުންތެރިން ލައްވައި ސޮއި ކުރުވަމުންދިޔަ މަންޒަރެވެ. އިހަށްވުރެ ބޮޑު މުސާރައިގައެވެ. ކުޑަ މުސާރައިގައި ކުޅެމުން އައި ބަޔެއް ކުޅުންތެރިންގެ މުސާރަ ބޮޑުކުރި މަންޒަރެވެ. ވިކްޓްރީން ބޭނުން ނެތިގެން ދޫކޮށްލީނަ ނޫނީ އެޓީމުގައިތިބި ކުޅުންތެރިން ނުދާނެ ކަމަށް ހީވިއެވެ. ނިއުގެ މުޙައްމަދު ޝިފާން (ކުޑައްޓޭ) އާއި ސޮބާޙް މުޙައްމަދުވެސް ވިކްޓްރީގެ ރަތް ޖާޒީ ލެއްވިއެވެ. ބޮޑު އަގުގައެވެ. ވިކްޓްރީގައި ތިބި ބަޔެއް ކުޅުންތެރިން ޓީމު ދޫކޮށް ވީބީ އާއި ވެލެންސިއާ އާއި ނިއުރޭޑިއަންޓަށް ދިޔަނަމަވެސް ވިކްޓްރީން އޭގެކުރިން އޮތީ ރަނގަޅު ވިޔަފާރިތަކެއް ކޮށް ޓީމު ވަރުގަދަ ކޮށްގެންނެވެ. އެހެންވެ ޓީމުން ދިޔަ ކުޅުންތެރިންގެ މަތިން ހަނދާންނުކޮށް ވިކްޓްރީއަށް ފަރުޖައްސާލެވޭ ވަރަށް ކުޅުންތެރިން ހޯދައިގެން އޮތުމުން ވިކްޓްރީ މާޔޫސެއް ނުވެއެވެ. އެއަށްފަހު ދެން އިވިގެންދިޔަ އަޑަކީ މިހާތަނަށް ދިވެހި ކޯޗަކު ޓީމަކަށް ސޮއި ކުރި އެންމެބޮޑު މުސާރައަށް އަލީ ސުޒޭން ވިކްޓްރީއަށް ސޮއި ކުރި ޚަބަރެވެ. މިއިން ކޮންމެ ޚަބަރަކާއެކުވެސް ވިކްޓްރީގެ ސަޕޯޓަރުންނަށް ލިބިގެންދިޔައީ އުންމީދީ މެސެޖެކެވެ. ތަނަވަސް އިޙްސާސެކެވެ. މިއިން ކޮންމެ ކަމެއްގެ ފުރަގަހުގައި ވަނީ ޗެއާރމަން ޝިޔާދުގެ ތަނަވަސްކަމެވެ. ނަމަވެސް ސީޒަނުގެ ވަކިހިސާބަކުން ވިކްޓްރީގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ ކުއްލި ޚަބަރަކީ ޗެއާރމަންކަމުން ޝިޔާދު އިސްތިއުފާ ދެއްވި ޚަބަރެވެ. ހިތާމަވެރި ޚަބަރެކެވެ. ސިހުން ގެނުވި ޚަބަރެކެވެ. ޗެއާރމަން އިސްތިއުފާ ދެއްވިއިރު ކުލަބު މާލީ ގޮތުން އޮތް ޙާލަތުގެ ސަބަބުން ސަޕޯޓަރުންނަށް ލިބިގެންދިޔަ ހިތާމަވެރި އިޙްސާސް ވަރަށް ބޮޑެވެ. ނަމަވެސް ވިކްޓްރީއަށް އުންމީދުގެ މެސެޖެއް ދެއްވުމަށް ފަހު ހިނިތުންވުމަކާއެކު ވަޑައިގެންނެވި ޗެއާރމަން އިސްތިއުފާ ދެއްވުމުގައި ތަފާތު ސަބަބުތައް އުޅޭނެއެވެ. ވިކްޓްރީން ހާމަކުރަނީ އެންމެ ސަބަބަކެވެ. ޗެއާރމަނަށް ވަގުތު ނުލިބުމެވެ. އެކަމަކު ކުއްލި ގޮތަކަށް ޝިޔާދު އިސްތިއުފާ ދެއްވުމުގައި އިތުރު ސަބަބުތަކެއް ހުންނާނެކަމީ ގިނަބަޔަކު ގަބޫލުކުރާ ކަމެކެވެ. ވިކްޓްރީއަށް މިހާތަނަށް ވަޑައިގެންނެވި އެންމެ މުއްސަނދި ޗެއާރމަން ޝިޔާދުގެ އިސްތިއުފާގެ ފަހަތުގައި އިތުރު ސަބަބުތަކެއް ހުރި ނަމަވެސް އެއީ ކުލަބުން ސިއްރު ކުރަން ބޭނުންވާ ކަންކަމަށް ވެދާނެއެވެ. ޝިޔާދު ވިކްޓްރީއާ ޙަވާލުވިއިރު ވިކްޓްރީ އޮތީ މާލީގޮތުން ރަނގަޅު ސްޓޭޖެއްގައެއްނޫނެވެ. ނަމަވެސް ޝިޔާދު ޙަވާލުވެ ލެއްވުމަށް ފަހު ވަނީ މާލީގޮތުން ވިކްޓްރީއަށް ހުރި ވަރަށްގިނަ ގޮންޖެހުންތަކުގައި ހިއްޕަވާފައެވެ. ނަމަވެސް ބަޔެއް މީހުން ގަބޫލުކުރާ ގޮތުގައި ޝިޔާދު ވަޑައިގެންނެވިއިރު އޮތް ފަދަ މާލީ ނުތަނަވަސް ކަމެއްގެ ތެރެއަށް ވިކްޓްރީ ވަނީ ޝިޔާދު އިސްތިއުފާ ދެއްވިއިރު ގޮސްފައެވެ. މިއީ ވިކްޓްރީގެ ޙަޔާތުގައިވެސް އަދި ޝިޔާދުގެ ޙަޔާތުގައިވެސް ތަފާތު ތަޖްރިބާއެކެވެ. |
||||||||||