HOME    

ހުރިހާ ކަރުނައެއް ބަންޑުންވީ ސްޓޭޖު މައްޗަށް....

14-11-2009

ޖައުފަރު ރަޝީދު (ޖޯރޭ)

       ސްޓޭޖަށް އެރުމަށް މައިނާ އިބްރާހިމް ރަޝީދު ވަޑައިގަންނަވަން ޖެހުނީ ޝަރަފްވެރި ކަމާއެކުގައެވެ. ދެފަރާތުން ސިފައިންގެ ދެބޭކަލުން މައިނާގެ ޝަރަފްގައި ތިއްބަވައިގެންނެވެ. މައިނާ ހިންގަވާފައި ވަޑައިގަތީ ރަތް ދޫލައިގައެވެ. ބަލި ޙާލު ހުރިގޮތުން އެހީތެރިޔެއްގެ އެހީއާއެކު މައިނާ ސްޓޭޖަށް ވަޑައިގަތްއިރު މޫނު މަތިން ފެނުނީ ބުނަން ނޭނގޭ ކަހަލަ ކުލަވަރު ތަކެކެވެ. އެއީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިމަހުގެ 11 ވަނަ ދުވަހު ހެނދުނު ބޭއްވި ޖަލްސާއެވެ.

     ސްޓޭޖަށް އަރާވަޑައިގަތުމާއެކު އިރުކޮޅެއް ފަހުން ގެނެސްދިނީ މައިނާއާބެހޭ ކުރު ތަފްސީލު ރިޕޯޓެކެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މައިނާގެ ކުރިފުޅުމަތީގައި މައިނާއާ ދިމާއަށް ބަލަހައްޓަވައިގެން އިންނެވިއެވެ. ރިޕޯޓް ކުރިޔަށް ދިޔައިރު މައިނާގެ ދެލޯފުޅުން ކަރުނަ އޮހިގެންދިޔައެވެ. 38 އަހަރަށް ފަހު މައިނާއަށް އެރޭ ދަރުބާރުގޭ ސްޓޭޖުގައި ހުންނަވައިގެން ރޮވުނީ ކީތްވެގެންކަން ހަގީގަތުގައިވެސް އެނގެއެވެ.

ރިޕޯޓް ނިމިއްޖެއެވެ. މައިނާގެ ޝަރަފްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ސްޓޭޖަށް އަރާވަޑައިގެން މައިނާއަށް 38 އަހަރުގެ ތެރޭގައި ހައްގުވެ އެކަމަކު ނުލިބިފައިވާ ހައްގު ހަވާލުކޮށް ދެއްވީ ޝަރަފާއި ލޯތްބާއެކުގައެވެ. ރައީސުލްޖުމްހޫރިއްޔާ މައިނާއަށް އެދެއްވީ ޝަރަފްވެރިކަމުގެ ގައުމީ އިނާމެވެ. ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުންނެވެ. ޝަރަފްވެރިކަމުގެ ގައުމީ އިނާމާއެކު ސަރުކާރުން ދެއްވާ ޝަރަފްވެރިކަމުގެ އައްޑަނަ އާއި ޝަރަފްވެރިކަމުގެ ބެޖް މައިނާގެ ގަމީސްކޮޅުގައި ރައީސްގެ އަތްޕުޅުން ހަރުކޮށްލަ ދެއްވި ސިކުންތު ކޮޅަކީ މައިނާގެ ކުޅިވަރު ހަޔާތުގައި މައިނާއަށް ނުލިބިފައިވާ ހަމައެކަނި ކާމިޔާބެވެ. މައިނާއަކީ ކުޅިވަރުގައި ދެން ހުރި ހުރިހާ ކާމިޔާބެއް ހާސިލް ކުރައްވާފައިވާ ކުޅިވަރުގައި ނަމޫނާ، އިޚްލާސްތެރި ބޭފުޅެކެވެ. 38 އަހަރަށް ފަހު މައިނާގެ ޚިދުމަތުގެ އަގު ސަރުކާރުން ވަޒަން ކުރެއްވީ ކުޑަކޮށެއްނޫނެވެ. ޝަރަފްވެރިކަމުގެ އިންތިހާގައެވެ.

     މައިނާއަކީ ދިވެހި ކުޅިވަރުގައި ފަސްމީރު ކުރި ރުކެކެވެ. މިވަގުތު ސިއްޙީ ޙާލުކޮޅު ހުންނެވި ގޮތުން ކުޅިވަރާ ދުރުގައި މައިނާގެ ހަށިގަނޑު ހުރި ނަމަވެސް އޭނާގެ ހިތްޕުޅު އަދިވެސް ކުޅިވަރާ ދުރަށްދާނެ ކަމަކަށް ނުބެލެވެއެވެ. މައިނާއަށްވުރެ ކުޅިވަރުގައި ޚިދުމަތްކުޑަ، ކުޅިވަރުގައި ކާމިޔާބު މަދު، ކުޅިވަރުގައި އަލި ފަނޑު އެތައް ބަޔަކަށް ކުޅިވަރުގެ ރޮނގުން އެތަކެއް އިނާމު ސަރުކާރުން މާޒީގައި ދެއްވާފައި ވެއެވެ. ނަމަވެސް ކުޑަމިނުން ހިތްވަރު ދިނުމުގެ އިނާމެއްވެސް މައިނާއަށް ލިބިފައި ނުވެއެވެ. މައިނާ އަބަދުވެސް ވިދާޅުވަމުން އައީ ކުޅިވަރުގައި އޭނާއަށް ނުލިބި އެފަދަ އެވޯޑެއް ދޭނެ އިތުރު ބޭފުޅަކު ވަކި ނުހުންނާނެ ކަމަށެވެ. އޭނާއަށް އެފަދަ އެވޯޑެއް ހައްގު ކަމަށެވެ. ނަމަވެސް އެފަދަ އުފަލެއް އޭނާއަށް ނުލިބި އޮތީ ސިޔާސީ ކަމެއްގެ ތެރެއިން ކަމަށެވެ.

     މިފަހަރު މައިނާއަށް މިލިބުނީ ދިގު މާޒީއެއްގެ ތެރެއިން އުފަލުން ފުރޭވަރުގެ ޝަރަފްވެރި ކަމެކެވެ. އެހެންކަމުން އެރޭ މައިނާގެ ލޮލުން އޮހޮރިގެންދިޔަ ކަރުނަފޮދު ތަކަކީ 38 އަހަރު ވަންދެކަށް ލޯފުޅުގައި ހަރުލާފައިވާ ކަރުނަފޮދު ތަކެކެވެ. އެކަރުނަ ފޮދުތައް އެރޭ އެކުގައި ފައިބައިފިއެވެ. ހުސްވަންދެކަށެވެ. ދެނެއް މައިނާ ހިތާމަކުރައްވާނެ ކަމެއް ނެތެވެ. އެރެޔަކީ މައިނާގެ ކުޅިވަރު ޔަހާތުގައި ފެންނާނެ އަދި އުންމީދު ކުރައްވައިގެން ހުންނެވި އެންމެ އުފާވެރި ރެޔެވެ. ހުރިހާ ކަރުނައެއް ސްޓޭޖު މައްޗަށް ބަންޑުން ކޮށްލެއްވުމަށް ފަހު މައިނާ ދެން ކުޅިވަރުގައި ކުރައްވާނެ އިތުރު އުންމީދެއް ނެތެވެ. ހުރިހާ އުންމީދެއް ޙާސިލް ވީއެވެ.