|
އޭޝިޔާގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ބޭނުން-
ދަގަނޑޭ
އިންޓަވިއު: ޖައުފަރު ރަޝީދު (ޖޯރޭ)
(ތިރީގައި އެވަނީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް އެންމެންވެސް ގަބޫލުކުރާ ވީބީ ސްޕޯޓްސް ކުލަބްގެ ޒުވާން ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) "ރާއްޖެ ކުޅިވަރު" ނޫހަށް ދީފައިވާ ޚާއްސަ އިންޓަވިއުއެކެވެ. ދަގަނޑޭއަކީ މިހާރު ސާކުގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމުގައި ހުރި ކުޅުންތެރިޔާއެވެ. އަދި ދުނިޔޭގެ ފުޓްބޯޅައިގެ ޚަބަރުތައް ކަވަރު ކުރަމުން އަންނަ "ގޯލްޑޮޓްކޮމް" އިން ހޮވި އޭޝިޔާގެ އެންމެމޮޅު 10 ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައިވާ ކުޅުންތެރިޔެކެވެ.)
ރާއްޖެ ކުޅިވަރު: މިއަހަރުގެ ފުޓްބޯޅަ މޫސުމާ ކުރިމަތިލާއިރު ދަގަނޑޭގެ އުންމީދުތަކަކީ ކޮބާ؟ ދަގަނޑޭ: މީގެކުރީ އަހަރު ތަކުގައި އަހަރެން ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް މިއަހަރު އިރާދަކުރެއްވިއްޔާ ދަކާނަން. އެގޮތަށް މަސައްކަތް ކުރާނަން. އުންމީދު ކުރަނީވެސް އެގޮތަށް. ފަހަރެއްގައި މިއަހަރަކީ އަހަރެންގެ މުޅިން ތަފާތު އަހަރަކަށްވެސް ވެދާނެ. ވަރަށްބޮޑަށް މަސައްކަތް ކުރާނަން މިއަހަރަކީ އަހަރެންގެ ކެރިއަރުގައި ތަފާތު އަހަރަކަށް ހަދަން. އަހަރެންގެ ފަރާތުން ވީބީއަށް ރަނގަޅު ކާމިޔާބުތަކެއް ހޯދައިދިނުން އުންމީދަކީ. ވީބީއަށް މިއަހަރަކީ ވަރަށް ކާމިޔާބު އަހަރަކަށް ހަދައިދޭން ބޭނުން.
ރާއްޖެ ކުޅިވަރު: ވީބީގައި ތިޔަހޭދަކުރަނީ އުފާވެރި ދުވަސްތަކެއްތަ؟ ދަގަނޑޭ: އާނ. ޔަގީންތާ. ވަރަށް އުފާވެރި ދުވަސްތަކެއް ވީބީގައި އަހަރެން މި ހޭދަކުރަނީ. އެހެންނޫންނަމަ އަހަރެން ވީބީއަކު ނުހުންނާނެނު. ސަކަރާތްނަމަ އަހަރެން ކޮންމެވެސް ގޮތަކުން އެހެން ކުލަބަކަށް ދިޔައިމުސް. އެކަމަކު ވީބީގެ މެނޭޖްމެންޓް ވަރަށް ރަނގަޅު. ވީބީގެ މެނޭޖްމެންޓް ރަނގަޅުވީމަ އަހަރެން އަސްލު އެމީހުންގެ ކައިރީގައި މަޑުކުރަނީވެސް. މިހާރު އަހަރެން ވީބީއާމެދު ދެކެނީ އަހަރެންގެ އަމިއްލަ ޓީމެއް ކަމަށް.
ރާއްޖެ ކުޅިވަރު: އެންމެ ރަނގަޅު. މިހާތަނަށް ކުޅުނު ކުލަބުތަކުގެ ތެރެއިން ދަގަނޑޭއަށް އެންމެ ރަނގަޅީ ކޮން ކުލަބުތަކެއް؟ ދަގަނޑޭ: ވަރަށް ފަސޭހަ ސުވާލެއް. އެއީ ވީބީ އާއި ވެލެންސިއާ
ރާއްކެ ކުޅިވަރު: ދަގަނޑޭ ތިހުރީ 5 އަހަރުގެ ކޮންޓްރެކްޓެއް ވީބީއާއެކު ހަދައިގެން. އަދިވެސް ބާކީ 4 އަހަރު އެބައޮތް. އެ 4 އަހަރު ހަމަވީމަ ވީބީ ދޫކޮށްލާނީތަ ނޫނީ ވީބީގެ ކޮންޓްރެކްޓް އާކުރާނީތަ؟ ކިހިނެއް ވިސްނުން ހުރީ މިވަގުތު؟ ދަގަނޑޭ: އަހަރެން ފުޓްބޯޅަ ކުޅުން ހުއްޓާލާނީ ވީބީގައި. އެގޮތަށް ހިތުގަ ލައިގެން މިހުންނަނީ. އެއްގޮތަކަށްވެސް ވީބީއާ ވަކިވާކަށް ނުވިސްނަން. ކޮންޓްރެކްޓް ހަމަވިޔަސް ކުޅުން ހުއްޓާލަންދެކަށް ހިޔެއްނުވޭ އެހެން ކުލަބެއްގެ ޖާޒީގައި އަހަރެން ފެންނާނެހެނެއް.
ރާއްޖެ ކުޅިވަރު: ދިވެހި ކުޅުންތެރިންގެ ތެރެއިން ދަގަނޑޭއަށް އެންމެމޮޅު ކާކު؟ ދަގަނޑޭ: އަހަރެން އަބަދުވެސް ބުނަމެއްނު އަހަރެންނަށް އެންމެ ކަމުދަނީ އަލީ އުމަރޭ. އަދިވެސް އަހަރެންނަށް އެންމެ ރަނގަޅީ އަލީ އުމަރު.
ރާއްޖެ ކުޅިވަރު: ރާއްޖޭގައިތިބި ޑިފެންޑަރުންގެ ތެރެއިން ދަގަނޑޭއަށް ބޯޅަ ހިފައިގެން ދެމިގަންނަން އެންމެ އުދަނގުލީ ކާކު ކައިރިންތަ؟ ދަގަނޑޭ: އަހަރެންނަށް އެންމެ އުދަނގުލީ އަނިލް ކައިރީގައި ކުޅެން. އޭނަ ނޫޅޭނެ ފެލާލާފައި ބޯޅަ އަތުލާކަށް. އޭނަ އުޅޭނީ ކޮއްޓައިގެން ބޯޅަ އަތުލަން. އެހެންވެ ވަރަށް އުދަނގޫ އަނިލް ކައިރީގައި ކުޅެން.
ރާއްޖެ ކުޅިވަރު: ދިވެހި ފުޓްބޯޅައިގަައި ދަގަނޑޭގެ އެންމެބޮޑު ޓާގެޓަކީ ކޮބާ؟ ދަގަނޑޭ: އަހަރެން އެންމެ ބޭނުންވި ޓާގެޓް މިހާރު ޙާސިލްވެއްޖެ. އެއީ ސާފްޗެމްޕިއަންޝިޕް ރާއްޖެއަށް ލިބުން. މީގެކުރިން އަބަދުވެސް އުންމީދު ކުރަމުން އައި އެއްޗަކީ އެއީ. އެކަން އެއޮތީ ވެފައި.
ރާއްޖެ ކުޅިވަރު: 2008 ވަނަ އަހަރުގެ އެވޯޑް ތަކުގެ ތެރެއިން ހަވީރުގެ އެވޯޑް މިހާރު އެއޮތީ ދީފައި. ދަގަނޑޭއަށް ލިބިފައިވަނީ ހަވީރުން ހޮވި 3 ވަނަ ކުޅުންތެރިޔާގެ މަގާމް. ހަވީރުގެ އެވޯޑުތައް ދިޔަގޮތާމެދު ދަގަނޑޭ ކީކޭ ބުނާނީ؟ ދަގަނޑޭ: ޖަޖުން ނިންމާނީ ރަނގަޅަށްދޯ. ޖަޖުން ނިންމާނީ އިންސާފަށްދޯ. އަހަރެންގެ އެއްވެސް މައްސަލައެއްނެތް. އެވޯޑްތައް ބެހިގެން ގޮސްފައި އެވަނީ ހަމަ ރަނގަޅަށް. އަހަރެންގެ އެއްވެސް ހިތްހަމަ ނުޖެހުމެއްނެތް. ހިތްހަމަޖެހުމެއް އުޅުނަސް ދެން އެއެއް ބަދަލެއްވެސް ނުވާނެދޯ.
ރާއްޖެ ކުޅިވަރު: ކުރިޔަށް އަދި އެބައޮތް އެފްއޭއެމް އެވޯޑާއި އާފަތިސް އެވޯޑްވެސް. އެއިން އެވޯޑަކަށް އުންމީދު ކުރަންތަ؟ ދަގަނޑޭ: އާނ. ނޮމިނޭޓް ވެފައި އަހަރެން އެބައޮތް ކަމަށްވަނީ. އެހެންވީމާ ނޮމިނޭޓް ވެފައިވާތީ އުންމީދު ކުރަން ކޮންމެވެސް އެއްއެވޯޑަކަށް. ނޮމިނޭޓް ވުމަކީވެސް ލިބުމާ ވަރަށް ކައިޔަށް ދިޔުންދޯ.
ރާއްޖެ ކުޅިވަރު: ދަގަނޑޭއަކީ މިހާރު ސާކުގެ ނަންނަބަރ ވަން ކުޅުންތެރިޔާ. އެކަމާ ކިހާވަރަކަށް އަމިއްލައަށް ފަޚްރުވެރިވަންތަ؟ ދަގަނޑޭ: އަސްލުގައި އެއީ އަހަރެން އުންމީދުކުރި މަގާމެއްވެސްނޫން. ދިވެއްސަކަށް އެއީ ވަރަށް ނުވާނެ ކަމެއްދޯ. އެހެންވެ އުންމީދު ނުކުރީވެސް. އެކަމަކު އެމަގާމު އެންމެ ފުރަތަމަ ލިބުނު ދިވެހި ކުޅުންތެރިޔަކީ އަހަރެން ކަމަށްވީތީ ވަރަށްބޮޑަށް އުފާވޭ. މިހާރު އެނގޭ އެއީވެސް ނުވާނެކަމެއްނޫންކަން.
ރާއްޖެ ކުޅިވަރު: އިންޓަރނޭޝަނަލް ވެބްސައިޓަކުން ހޮވި 2008 ވަނަ އަހަރުގެ އޭޝިޔާގެ އެންމެމޮޅު 10 ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނިފައި އެބައޮތް. ކީކޭ އެކަމާބުނަނީ؟ ދަގަނޑޭ: އިންޓަނޭޝަނަލް ފެންވަރުގައި އަހަރެންނަށް އެކަހަލަ ރީތި ނަން ލިބޭތީ އަހަރެން އަސްލު ވަރަށް އުފާވޭ.
ރާއްޖެ ކުޅިވަރު: ކުރިޔަށް އޮތްތަނުގައި ދިވެހި އެހެން ކުޅުންތެރިޔަކަށް ދަގަނޑޭއަށް ތިޔަލިބުނު ކަހަލަ މަގާމެއް ލިބިދާނެހެން ހީވޭތަ؟ އެފަދަ ކަމެއް ޙާސިލް ކުރަން ބޭނުންނަމަ ދަގަނޑޭއަށްވުރެ ފަހަތުން އަންނަ ކުޅުންތެރިންނަށް ބުނެލަން ބޭނުން ވާހަކައެއް އެބައޮތްތަ؟ ދަގަނޑޭ: ދިވެހި އެހެން ކުޅުންތެރިޔަކަށްވެސް ނުލިބޭންވީ ކީއްވެ. އަހަރެންނަށްވެސް ލިބުނީނު. އެއީ ދިވެހިންނަށްވެސް ކުރެވިދާނެ ކަމެއްކަން އެނގިއްޖެދޯ. އަހަރެންގެ ފަހަތުން އަންނަ ކުދިންނަށް އަހަރެން ދޭން އޮތް ނަސޭޙަތަކީ ހިތްވަރު ކުރަންޖެހޭނެޔޭ އެކަން ކުރަންޏާ. ވަރުގަދަ އަޒުމެއް އޮންނަން ޖެހޭނެޔޭ. އޭރުން އެކަން ކުރެވިދާނެކަން ޔަގީން.
ރާއްޖެ ކުޅިވަރު: ސާކުގައި ދަގަނޑޭއަށް ނުލިބޭ އެއްޗެއް މިހާރަކުނެތް. ސާކުގެ ރަންތަށި ލިބިއްޖެ. ސާކުގެ ރަން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ. ދެން ދަގަނޑޭގެ އަމާޒަކީ ކޮބާ؟ މިބުނީ ސާކުން ބޭރުން މިސާލަކަށް އޭޝިޔާ ފެންވަރުގައި ހޯދަން ބޭނުންވާ ވަކި ޚާއްސަ ކާމިޔާބެއް އެބައޮތްހޭ؟ ދަގަނޑޭ: ތެދެއް. ސާކުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު މިއޮތީ ލިބިފައި. އަހަރެންނަށް ހީވަނީ ދެން އަހަރެން ހޯދަން ޖެހޭނީ އެއަށްވުރެ ވަރުގަދަ މަގާމެއްހެން. އެހެންވީމާ އަހަރެން މިހާރު އެންމެ ބޭނުންވަނީ އޭޝިޔާގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ހޯދަން. މިހާރު އަހަރެންގެ އެންމެބޮޑު ޓާގެޓަކީ އެއީ. އެކަން އަހަރެން ކުރަންޏާ ބޭރުގެ ޓީމުތަކަށްވެސް ކުޅެން ދާންޖެހޭނެ. އެކަމަކު މެލޭޝިޔާގައި ބޭރުގެ އެއްވެސް ކުޅުންތެރިޔަކަށް މިހާރު ނުކުޅެވޭ. އެގައުމުގެ އެފްއޭއާ ވަރަށް ފަހުން ހަވާލުވި މީހަކު ހަމަޖެއްސި ގަވަދެއް ކަމަށް ވަނީ އެއީ. އާއްމުކޮށް އެންމެގިނައިން ފުރުޞަތު މިލިބެނީ މެލޭޝިޔާ ލީގުގައި ކުޅެން. އެހެންވެ އެވާހަކަ މިބުނީ. ބޭރުގެ ރަނގަޅު ޓީމަކުން މިހާރު ފުރުޞަތެއް ލިބިއްޖެނަމަ އަހަރެން މިހުރީ ދާގޮތަށް. ނުގޮހެއް އޭޝިޔާގެ އެންމެމޮޅު ކުޅުންތެރިޔަކަށް ނުވެވޭނެދޯ؟ |
||||||||||