|
ބަންގާޅު އަތުން ވޮލީ ޓީމު މޮޅުވެއްޖެ 31-01-2010
ޖައުފަރު ރަޝީދު (ޖޯރޭ) (ފޮޓޯ: ގޭމްސްގައި ބަންގްލަދޭޝްއާ ދެކޮޅަށް ދިވެހި ޓީމު ކުޅެނީ) ބަންލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިޔަށްދާ ސައުތު އޭޝިޔާ ގޭމްސްގައި ދިވެހި ސީނިއަރ ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައިވެސް ބަލިވެގެން ދިޔައީ އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ބަންގާޅެވެ. ޑާކާގައި ކުޅުނު މިމެޗުން ދިވެހި ޓީމު މޮޅުވީ 5 ސެޓަށް ކުޅެގެންނެވެ. ފުރަތަމަ ދެސެޓު ދިވެހި ޓީމު ހޯދި ނަމަވެސް އެއިން ކޮންމެ ސެޓެއްގައި ބަންގާޅުގެ ފަރާތުން ވަނީ ވަރުގަދަ ފައިޓެއް ދީފައެވެ. ނަމަވެސް ފުރަތަމަ ދެސެޓު ހޯދައި ސީދާ ތިންސެޓުން ބަންގާޅު އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ބަލި ކުރުމުގެ ފުރުޞަތު ދިވެހި ކުޅުންތެރިން ވަނީ ފަހިކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު ދިވެހި ކުޅުންތެރިން ހޯދީ 25،27 ންނެވެ. އެއަށްފަހު ދެވަނަ ސެޓު ބަންގާޅު އަތުން ހޯދީ 25،20 ންނެވެ. ފުރަތަމަ ދެސެޓު ދިވެހި ޓީމު ހޯދުމުން ބަންގާޅު ޓީމު ވަނީ ވަރަށްބޮޑު ނުތަނަވަސް ކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އަމިއްލަ ގައުމުގައި ސީދާ ތިންސެޓުން ދިވެހިން އަތުން ބަލިވާން އެމީހުން އެއްގޮތަކަށްވެސް ބޭނުން ނުވާކަން ޖެހިގެން އައި ސެޓުގައި އެމީހުން ވަނީ ދައްކައި ދީފައެވެ. ނަތީޖާއަކަށްވީ ތިންވަނަ ސެޓު ދިވެހި ކުޅުންތެރިންގެ އަތުގައި ނުޖައްސައި 25،18 ން ކުރި ހޯދުމެވެ. ޖެހިގެން އައި ސެޓަކީ ބަންގާޅުގެ މަރުވުމާއި ގުޅިފައިވާ ސެޓެކެވެ. އެހެންވެ އެސެޓުވެސް އެމީހުން ވަނީ ދިވެހިންގެ އަތުގައި ނުޖައްސައި އަތުލާފައެވެ. މިސެޓުން ބަންގާޅު މޮޅުވެފައި ވަނީ 25،20 ންނެވެ. މިހިސާބުން 5 ސެޓުގެ މެޗަކަށް ދިގު ދެމިގެން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް މިސެޓުގައި ނަތީޖާ ނެރެން ޖެހެއެވެ. އެހިސާބުން ދެޓީމުންވެސް ދޭތިން އެކައްޗަށް ކުޅެމުން ދިޔައެވެ. ޕޮއިންޓަކަށް ފަހު ޕޮއިންޓެއް ދެޓީމުން ހޯދަމުން ގޮސް ކޮޅެއްގައި ޖެހުނީ 15،13 ންނެވެ. ނަތީޖާ ބުރަވީ ދިވެހި ޓީމުގެ ކޮޅަށެވެ. ގޭމްސްގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވުމުގެ ހިތްހަމަ ޖެހުމާއެކު ދިވެހި ސީނިއަރ ވޮލީ ޓީމު ދެވަނަ މެޗަށް ނުކުންނާނީ މާދަމާ ރާއްޖޭ ގަޑިން ހަވީރު 5 ޖަހާއިރުއެވެ. މިމެޗުގައި ދިވެހި ޓީމާ ދެކޮޅަށް ނުކުންނާނީ ނޭޕާލެވެ. |
||||||||||