HOME    

ރާއްޖެއިން ހޯދި ފުރަތަމަ މެޑަލް އެތުލެޓިކްސް އިން ހޯދައިފި

09-02-2010

ލާލް

       ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިޔަށްދާ 11ވަނަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ހޯދި ފުރަތަމަ މެޑަލް އެތުލެޓިކްސް އިން ހޯދައިފިއެވެ.  

މި މުބާރާތުގެ ފުރަތަމަ މެޑަލް ހޯދީ ދިވެހިރާއްޖޭގެ ފިރިހެން 100މ ރިލޭ ޓީމެވެ. ފިރިހެނުންގެ ރިލޭ އިވެންޓްގައި ރާއްޖެއިން ވާދަކުރި ރިލޭ ޓީމް ވަނީ 41.39 ސިކުންތުން ރޭސް ނިންމައި ސައުތު އޭޝިއަންގޭމްސްގެ ތާރީޚްގައި ރާއްޖޭގެ އެތުލެޓިކްސް ހޯދި ފުރަތަމަ ލޯމެޑަލް ހޯދާފައެވެ.

ރިލޭ ޓީމް ދުވި މި ވަގުތަކީ ރާއްޖޭގެ ފިރިހެން 100މ ރިލޭގެ ޤައުމީ އައު ރިކޯޑެއްވެސްމެއެވެ. މި ރިކޯޑް ހެދި ޓީމްގައި ހިމެނެނީ ކެޕްޓަން ޙުސައިން ޙަލީމް، ޢަލީ ޝަރީފް، އަޒުނީމް އަޙުމަދު އަދި ޙަސަން ސާޢިދެވެ.

100މ ރިލޭގެ ކުރީގެ ޤައުމީ ރިކޯޑަކީ މެޑްރާސްގައި 1995ވަނަ އަހަރު ބޭއްވުނު 7 ވަނަ ސާފްގޭމްސްގައި ރާއްޖެއިން ހަދާފައިވާ 43.18 ސިކުންތުގެ ރިކޯޑެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރީ އެސޯސިއޭޝަންގެ މިހާރުގެ ހެޑްކޯޗް މުޙައްމަދު ޢާމިރު އާއި މިއަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި މެޑަލް ހޯދި ޓީމްގެ ހެޑްކޯޗް އަޙުމަދު ފާޢިލް އާއި ރާއްޖޭގެ ފުރަތަމަ އޮލިމްޕިއަން އަޙުމަދު ޝަޤީފް (ރިވަރިން) އަދި އިބްރާހީމް މަނިކު (ވިއްސަ) އެވެ.

އެތުލެޓިކްސްގައި ރާއްޖެއިން މިއަދު ފުރަތަމަ ވާދަކުރީ އަންހެނުންގެ 400މ ދުވުމުގައެވެ. 400މ ދުވުމުގެ ފުރަތަމަ ހީޓްގައި ދުވެފައިވަނީ ޢާއިޝަތު ރީޝާއެވެ. ރީޝާ މިރޭސް ނިންމާފައިވަނީ 1މިނިޓް 3ސިކުންތުން 6ވަނައަށެވެ. މި އީ ރީޝާގެ އަމިއްލަ ރިކޯޑެކެވެ. ދެން ވާދަކުރީ ފިރިހެނުންގެ 100މ ރިލޭގައެވެ. މީގެ އިތުރުން މިމުބާރާތުގައި، މިއަދު އެތުލެޓިކްސް އިވެންޓްތަކުގެ ތެރެއިން ރާއްޖެއިން ވާދަކުރާނީ ފިރިހެން އަދި އަންހެން 100މ ދުވުމުގައެވެ.

މިހާތަނަށް ރާއްޖެ ވަނީ މުޅިއަކު ދެ މެޑަލް ލިބިފައެވެ. އެއީ  އެތުލެޓިކްސް ޓީމުން ހޯދި މެޑަލްގެ އިތުރުން ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް ލިނުބުނު މެޑަލެވެ. ފުޓްބޯޅަ ޓީމުވެސް ހޯދާފައިވަނީ ލޯމެޑަލެކެވެ.