|
އަފްޣާން އަތުން ރާއްޖެ ބަލިވެ ސެމީ ފައިނަލުން ކަޓައިފި 06-02-2010
ލާލް މިހާރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިޔަށްދާ 11 ވަނަ ސައުތު އޭޝީޔާ ގޭމްސްގައި ރޭ ދިވެހި ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ކުޅުނު ސެމީ ފައިނަލް މެޗުން 1 – 0 ކުން އަފްޣާނިސްތާން އަތުން ބަލިވެއްޖެއެވެ. ރާއްޖޭގެ ސީނިއާރ ބައެއް ކުޅުން ތެރިންނާއެކު ނިކުތް ޒުވާން ޓީމު ފުރަތަމަ ހާފުގައި ދެއްކީ ރަނގަޅު ކުޅުމެކެވެ. އެގޮތުން އަފްޣާން ގޯލަށް ބޯޅަ ވައްދާލާނެ ގިނަ ފުރުޞަރުތަކެއް ހޯދާފައިވެއެވެ. ނަމަވެސް އަފްޣާން ގޯލުގެ ތަންޑު ނައްޓާލެވޭނެ ގޮތެއް ނުވިއެވެ. އަދި އަފްޣާންނަށް ވެސް ރާއްޖޭ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ވަނީ ނުފޮނުވިފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފުގައި އަފްޣާނިސްތާން ކުޅުން ތެރިން ފަރާތުން ފެނިގެން ދިޔައީ ވަރަށް ވަރުގަދަ ކުޅުމެކެވެ. އަދި ރާއްޖޭގެ ކުޅުން ތެރިންގެ ލަނޑު ޖެހުމުގެ މަސައްކަތް ފުރަތަމަ ހާފަށް ވުރެ ދަށްވެގެން ދިޔަ މަންޒަރެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ ރާއްޖޭގެ ގޯލަށް އަފްޣާންގެ ގިނަ ބޯޅަތައް އަމާޒުވެގެން ދިއުމެވެ. އަދި ރާއްޖޭގެ ޑިފެންޑިރުންނަށް ޕްރެޝާ ބޮޑުވެގެން ދިޔަ މަންޒަރެވެ. އެގޮތުން 72 ވަނަ މިނެޓުގައި ރާއްޖޭގެ ޑިފެންޑަރަކަށް ހެދުނު މިސްޓޭކެއްގެ އެޑްވާންޓޭޖް ނަގައި އަފްޣާންގެ ފޯވަޑް ބޯޅަ ހިފައިގެން ގޮސް ރާއްޖޭގެ ކީޕަރ ކަރިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި 1-0 ކަށް ނަތީޖާ ބަދަލުކޮށްލިއެވެ. ދެވަނަ ހާފް ނިމުނުއިރު ރާއްޖެއަށް ލަނޑެއް ނުޖެހި އޮތުމުން ރާއްޖެ ބަލިވެ އަފްޣާނިސްތާން ވަނީ ފައިނަލަށް ދަރުކޮށްފައެވެ. މިމެޗުން ބަލިވުމުން ފައިނަލަށް ދިއުމުގެ ފުރުޞަތު ގެއްލި ތިންވަނަ ހޮވާ މެޗަށް ރާއްޖެ ވަނީ ނިކުންނަން ޖެހިފައެވެ. މާދަމަ ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ ހޮވާ މެޗުގައި ރާއްޖެ ބައްދަލު ކުރަންޖެހޭނީ އިންޑިއާ ދެކޮޅަށެވެ. |
||||||||||