|
ބާސްކެޓް ޓީމަށް ސެމީ ފައިނަލް ޖާގަ ގެއްލައްޖެ 04-02-2010 ބަންގްލަދޭޝްގެ ޑާކާއިން: ޙުސައިން ފަރިޔާޒް ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓް ބޯޅަ މުބާރާތުގައި ބަންގުލަދޭޝް އާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗު އެއްމެ ޕޮއިންޓެއް މަދުވެގެން މިމުބަރާތުގެ ސެމީފައިނަލަށް ދިޔުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލިއްޖެއެވެ. ރޭގެ މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގުލަދޭޝް އަތުން ދިވެހިން ބަލިވެފައި ވަނީ 59 ޕޮއިންޓް 72 ޕޮއިންޓުންނެވެ. ދިހަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސަރަހައްދީ މުބާރާތެއްގައި ވާދަކުރި ރާއްޖެ ރޭގެ މެޗުން ބަލިވުމުންނެވެ. މިގްރޫޕްގައި ހިމެނޭ ބަންގުލަދޭޝް އާއި ބޫޓާން ވެސް ވަނީ ޕޮއިންޓްގެ ގޮތުން ރާއްޖެ އާއި އެއްވަރުވެފައި ވެއެވެ. އެހެން ކަމުން މިގްރޫޕްގެ ސެމީއަށް ދާނެ ޓީމެއް ބެލީ ޓީމުތަކުން ހޯދި ޕޮއިންޓައް ބަލައިގެންނެވެ. އެގޮތުން ރާއްޖެއަށް ސެމީގެ ފުރުސަތު ގެއްލުނީ ބުޓާނަށް ވުރެން އެންމެ ޕޮއިންޓެއް މަދުންވެގެންނެވެ. މެޗުގައި ދިވެހި ކުޅުންތެރިން ވަރަށް ހުނަރުވެރި ކުޅުމެއް ދެއްކިނަމަވެސް އެންމެ ބޮޑު މައްސަލައަކަށް ދިމާވީ މެޗުގެ ވަރަށް ކުރީކޮޅު އަހްމަދު ޒަބީރު ފަސްފައުލް ވެގެން ފައިބަން ޖެހުމެވެ. މީގެއިތުރުން ދިވެހި ކުޅުންތެރިންނަށް ލިބުނު ފްރިތްރީތަކުގެ ބޭނުން ނުހިފިގެން ދޔަކަން ވެސް ފާހަގަ ކުރެވުނެވެ. މެޗައް ފަހު ހިތްދަތި ގޮތަކަށް ދިވެހި ޓީމު ބަލިވުމުން ކުޅުންތެރިންގެ ލޮލުން ކަރުނަ ފެނިގެންދިޔައެވެ. މިމެޗުގައި ދިވެހި ޓީމަށް ތަރުހީބު ދިނުމަށް ސައުތު އޭޝިޔަން ގޭމްސްގައި ވާދަކުރާ ޓީމުތައް އައިސްފައިވެއެވެ. |
||||||||||