|
ނާޕާލް ބަލިކޮށް ވޮލީ ޓީމުވެސް ސެމީފައިނަލަށް ހިނގައްޖެ 02-02-2010
އިސްމާއީލް ހައިބަތު ބަންގްލަދޭޝްގައި ކުރިޔަށްދާ 11 ވަނަ ސައުތު އޭޝިޔާ ގޭމްސްގެ ވޮލީ އިވެންޓުގެ ސެމީފައިނަލަށް ރާއްޖޭގެ ގައުމީ ސީނިއަރ ވޮލީ ޓީމު ދަތުރުކޮށްފިއެވެ. ދިވެހި ޓީމު ސެމީފައިނަލަށް ދިޔައީ ނޭޕާލްގެ ގައުމީ ޓީމުގެ މައްޗަށް ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދައިގެންނެވެ. މިމެޗުން ދިވެހި ޓީމު މޮޅުވީ ސީދާ 3 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ނޭޕާލުން ވަނީ 20 ޕޮއިންޓް ހަމަކޮށް ދިވެހި ޓީމަށް އުދަނގޫތަކެއް ކޮށްފައެވެ. ނަމަވެސް އެހިސާބުގައި ނޭޕާލް ބާއްވާފައި ދިވެހި ކުޅުންތެރިން ވަނީ 25 ޕޮއިންޓް ހަމަކޮށް ފުރަތަމަ ސެޓު އަތުލާފައެވެ. ދެވަނަ ސެޓު ދިވެހި ކުޅުންތެރިން އަތުލީ ފުރަތަމަ ސެޓުގައި ކުރިމަތި ވަރުގެ އުދަނގޫތަކެއް ކުރިމަތި ނުވެއެވެ. މިސެޓުގައި ދިވެހި ޓީމުން 25 ޕޮއިންޓް ހަމަކުރިއިރު ނޭޕާލަށް ހޯދުނީ އެންމެ 15 ޕޮއިންޓެވެ. ދެން އައީ ތިންވަނަ ސެޓެވެ. މިސެޓު އަތު ނުޖެހި ގޮސްފިނަމަ ސީދާ 3 ސެޓުން ބަލިވާނެކަން ކަށަވަރު ވުމުން ނޭޕާލް ކުޅުންތެރިން ވަނީ މިސެޓުގައި ލެވުނު ހުރިހާ ހިތްވަރެއް ލައިގެން ކުޅެފައެވެ. އެގޮތުން މިސެޓުގައި ވަރަށް ހަމަހަމަކޮށްވެސް ކުޅުންދިޔައެވެ. ނަމަވެސް ފަހު ވަގުތު ދިވެހި ޓީމު ވަނީ 25،23 ން ސެޓު ނިންމާލައި މޮޅުވެފައެވެ. ސެމީފައިނަލަށް ދިޔުމުގެ ކުރިން ދިވެހި ޓީމު ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުންވެސް މޮޅުވެފައެވެ. އެއީ 5 ސެޓަށް ކުޅެގެންނެވެ. |
||||||||||