HOME    

ނޭޕާލް ބަލިކޮށް ފުޓްބޯޅަ ޓީމު ސެމީއަށް ހިނގައްޖެ

02-02-2010

ލާލް

       ބަންގްލަދޭޝްގައި ކުރިޔަށްދާ 11 ވަނަ ސައުތު އޭޝިޔާ ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ސެމީފައިނަލަށް ދަތުރުކޮށްފިއެވެ. ދިވެހި ޓީމު ސެމީފައިނަލަށް ދިޔައީ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ނޭޕާލާ ބައްދަލުކޮށް 1-0 ން ކުރިހޯދައިގެންނެވެ.

     މެޗުގައި ދިވެހި ޓީމުން ވަނީ ފުރަތަމަ ހާފުގައި ކުރިއަތުލާފައެވެ. ދިވެހި ޓީމުން ޖެހި ހަމައެކަނި ލަނޑު އައީ ކެޕްޓަން މުޙައްމަދު އުމައިރުގެ ފަރާތުންނެވެ. ޒުވާން ޓީމުގެ ކެޕްޓަން ކަން ކުރުމުގެ އިތުރުން ސީނިއަރ ގައުމީ ޓީމުގައިވެސް ދިފާއީ ސަރަހައްދު ބެލެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރަމުން އަންނަ އުމައިރަށް ވަނީ 2 ލަނޑުގެ ތަފާތަކަށް މެޗު އަނބުރާލުމުގެ ފުރުޞަތުވެސް ތަނަވަސް ވެފައެވެ.

     ފަހު ހާފުގައި ލިބުނު މިފުރުޞަތަކީ ދިވެހި ޓީމަށް ލިބުނު ޕެނަލްޓީއަކުން ލިބުނު ޗާންސެކެވެ. ނަމަވެސް އުމައިރު އަމާޒު ކޮށްފައި ފޮނުވާލި ބޯޅަ ނޭޕާލުގެ ގޯލްކީޕަރު ވަނީ އަތުލާފައެވެ. ދިވެހި ޓީމު ނޭޕާލް އަތުން މޮޅުވެގެން ސެމީއަށްދިޔަތާ ގިނައިރު ތަކެއް ނުވަނީ ބަންގްލަދޭޝްވެސް ވަނީ މިގްރޫޕުން ސެމީއަށް ދަތުރުކޮށްފައެވެ.

     ބަންގްލަދޭޝް ސެމީއަށް ދިޔައީ ބޫޓާނު ކޮޅަށް 4-0 ގެ ނަތީޖާއެއް ނެރެގެންނެވ. ބޫޓާނަކީ ގްރޫޕް ސްޓޭޖުގައި ދިވެހި ޓީމު އަތުން 1-0 ގެ ކުޑަ ތަފާތަކުން ބަލިވި ޓީމެކެވެ.