|
ނޭޕާލް އަތުން ބާސްކެޓް ޓީމު މޮޅުވެއްޖެ 01-02-2010
ލާލް ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސައުތު އޭޝިޔާ ގޭމްސްގައި ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ. ދިވެހި ޓީމު މިމެޗުގައި ބައްދަލު ކޮށްފައި ވަނީ ނޭޕާލާއެވެ. ނޭޕާލް އަތުން ދިވެހި ޓީމު މޮޅުވީ ވަރަށް އެއްވަރުގެ ނަތީޖާއަކާއެކު މެޗު ކުޅެމުން ގޮހެވެ. މިމެޗުން ދިވެހި ޓީމަށް ކުރި އަތުލެވުނީ 69 ޕޮއިންޓް 62 ޕޮއިންޓުންނެވެ. މިމެޗުގައި ދިވެހި ޓީމުން އެންމެގިނަ ޕޮއިންޓް ހޯދީ ކެޕްޓަން މުޙައްމަދު މުޙްސިން އާއި އަލީ ފަޒްލީއެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދިވެހި ޓީމަށް 15 ޕޮއިންޓް ހޯދާދީފައެވެ. މީގެއިތުރުން އަޙްމަދު އަފްޝަން ރަޝާދު ވަނީ 12 ޕޮއިންޓް ހޯދާފައެވެ. އަދި މުޙައްމަދު ޒިލާލްވެސް ވަނީ 9 ޕޮއިންޓް ހޯދާފައެވެ. މިމުބާރާތުގައި ރާއްޖެ ކުޅެންޖެހޭ ދެވަނަ މެޗަށް މާދަމާ ނުކުންނާނެއެވެ. މާދަމާ ދިވެހި ޓީމު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބާސްކެޓް ޓީމާއި ވޮލީ ޓީމުގެ އިތުރުން 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުވެސް މިގޭމްސްގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވިއިރު ރާއްޖެއިން ދިޔަ އެއްޓީމު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ ދުވަހު މުބާރާތުން ކަޓައިގެން މާލެ އަންނަން ޖެހިފައެވެ. އެއީ ބެޑްމިންޓަން ޓީމެވެ. ބެޑްމިންޓަން ޓީމަށް މާލެ އަންނަން ޖެހުނީ އެއްވެސް ސެޓެއްވެސް ނުލިބި ހުސްއަތާއެވެ.
|
||||||||||