|
ވީބީގެ ހޮލެންޑް ފޯވަޑް މާލެ އަތުވެއްޖެ 31-01-2010 ލާލް މިއަހަރުގެ ސީޒަނުގައި ވީބީ ސްޕޯޓްސް ކުލަބަށް ކުޅުމަށް ގެންނަން ހަމަޖެއްސި ހޮލެންޑްގެ ފޯވަޑް ހުސެޔިން ކެންގިޒް އިއްޔެގެ ވަގުތެއްގައި ރާއްޖެ އަތުވެއްޖެއެވެ. އޭނާ ވަނީ އިއްޔެ އޮތް ވީބީގެ ޕްރެކްޓިހަށްވެސް ނުކުމެފައެވެ. މިކުޅުންތެރިޔާގެ އިތުރުން ވީބީއަށް ދެން އަންނާނެ ބިދޭސީ ކުޅުންތެރިންނަކީ ޓޯގޯގެ ޑިފެންޑަރެއް ކަމުގައިވާ އަޔާއޯ އަގްބޮކޯސީ އާއި ހޮލެންޑްގެ ޑިފެންޑަރެއް ކަމުގައިވާ އަހްމެޓް ކެލިކްއެވެ. ކުރިޔަށް އޮތް އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ވީބީން ވަނީ މެލޭޝިޔާ ނުވަތަ އިންޑޮނޭޝިޔާގައި ޓްރޭނިންގ ކޭމްޕެއް ފުރިހަމަ ކުރުމަށްވެސް ނިންމާފައެވެ. މިއީ 10 ދުވަހުގެ ޓްރޭނިންގ ކޭމްޕެއް ކަމުގައިވެސް އެކުލަބުން ވަނީ ބުނެފައެވެ. ވީބީން މިދިޔަ އަހަރުވެސް އޭއެފްސީ ކަޕަށް ތައްޔާރު ވުމުގެ ގޮތުން ވަނީ މިފަދަ ޓްރޭނިންގ ކޭމްޕެއް ރާއްޖެއިން ބޭރުގައި ފުރިހަމަ ކޮށްފައެވެ. ތުރުކީގެ ކޯޗެއްގެ އިރުޝާދުގެ ދަށުން ތައްޔާރު ވަމުން އަންނަ ވީބީން މިއަހަރުގެ ސީޒަނަށް ތައްޔާރުވާން ފެށީ މިދިޔަ އަހަރު ވިކްޓްރީ އާއި ނިއުރޭޑިއަންޓް އަދި ވެލެންސިއާއަށް ކުޅެމުންދިޔަ މަޝްހޫރު ވަރަށްގިނަ ކުޅުންތެރިންގެ ސޮއި އަތުލައިގެންނެވެ. އަދި ޓީމުގައި މިދިޔަ އަހަރުވެސް ތިބި މަޝްހޫރު އަދި މުހިންމު ހުރިހާ ކުޅުންތެރިންގެ ސޮއިވެސް ހޯދައިގެންނެވެ. ކުލަބު ދޫކޮށް އެއްވެސް ކުޅުންތެރިޔަކު ކުލަބުން ބޭނުން ވެފައި ވަނިކޮށް ގޮސްފައި ނުވެއެވެ. އެގޮތުން ވީބީއަށް މިދިޔަ އަހަރު ކުޅުނު ކުޅުންތެރިންގެ ތެރެއިން ކުލަބު ދޫކޮށް ދިޔަ ބަޔެއް ކުޅުންތެރިން މިހާރު ދަނީ ބަޔެއް ކުލަބު ތަކުގެ ޕްރެކްޓިހަށް ނުކުންނަމުންނެވެ. |
||||||||||