|
ވީބީ ޓްރޭނިންގ ކޭމްޕްގައި ދާނެގައުމެއް އަދިވެސް ހަމަނުޖެހޭ 04-02-2010 ޖައުފަރު ރަޝީދު (ޖޯރޭ) މިއަހަރުގެ އޭއެފްސީ ކަޕްގައި ވީބީ ސްޕޯޓްސް ކުޅެންޖެހޭ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ދިޔުމަށް ހަމަޖެހިފައިވާ ޓްރޭނިންގ ކޭމްޕްގައި ދާނެ ގައުމެއް އަދިވެސް ޔަގީންނުވާ ކަމަށް އެކުލަބުން ބުނެފިއެވެ. ވީބީގެ ސީއީއޯ ގަހުތާން ޙަލީމް ވިދާޅުވި ގޮތުގައި ޓްރޭނިންގ ކޭމްޕް ދިޔުމަށް ވިސްނާފައި ވަނީ އިންޑޮނޭޝިޔާ ނުވަތަ މެލޭޝިޔާއަށެވެ. "އަދި ދާނެ ސީދާ ގައުމެއް ނުނިންމަން. އަދި ސީދާ ތާރީޚްވެސް ހަމަނުޖެހޭ" ގަހުތާން ވިދާޅުވިއެވެ. އޭއެފްސީ ކަޕް ވީބީގެ އިތުރުން ވިކްޓްރީވެސް މިފަހަރު ނުކުންނާނެއެވެ. މިހާރު ދެޓީމުވެސް ކުޅެންޖެހޭ މެޗުތައް ވަނީ ކަށަވަރު ވެފައެވެ. ކުރިޔަށް އޮތް އޭއެފްސީ ކަޕްގައި ރާއްޖެ ތަމްސީލު ކުރާ ދެޓީމު ކަމުގައިވާ ވިކްޓްރީ އާއި ވީބީގެ ތެރެއިން ވިކްޓްރީގެ ފުރަތަމަ މެޗު ރާއްޖޭގައި ކުޅެން ހަމަޖެހުނުއިރު ވީބީ ފުރަތަމަ މެޗު ގައުމުން ބޭރުގައި ކުޅެން ޖެހިއްޖެއެވެ. އޭއެފްސީގެ މައި އޮފީހުގައި އޮތް ގުރުއަތުލުމުގެ ޖަލްސާގައި ދިމާވި ގޮތުން ވިކްޓްރީ ފުރަތަމަ މެޗަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ. މިމެޗުގައި ވިކްޓްރީ ބައްދަލު ކުރަން ޖެހޭނީ އޭސީއެލް ޕްލޭއޯފް ގްރޫޕް އީގެ 1 ވަނަ ޓީމާއެވެ. އެޓީމު އަދި ކަށަވަރު ވެފައި ނުވެއެވެ. ވީބީ ފުރަތަމަ މެޗަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ 24 ވަނަ ދުވަހުއެވެ. ވީބީ ފުރަތަމަ ނުކުންނަން ޖެހެނީ އިންޑޮނީޝިޔާގައެވެ. އެއީ އެގައުމުގެ ޕެރެސިވާއާ ދެކޮޅަށް ނުކުންނަން ޖެހޭ މެޗެވެ. |
||||||||||