HOME    

ޗެއާރމަންކަމަށް މިފަހަރުވެސް ކަލީމާއި އިބްރާހިމް އިސްމާއީލް
ވައިސްޗެއާރމަންކަމަށް ކުރިމަތިލީ ރިޔާޒް، ހާފިޒް، އަލިބެ އަދި ކުޑަޙުސައިން
ޖެނެރަލް ސެކްރެޓަރީ ކަމަށް ކުރިމަތިލީ މާހިދު، ހާނިމް އަދި މަރޭ

01-07-2009

ޖައުފަރު ރަޝީދު (ޖޯރޭ)

(ފޮޓޯ: އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވާ ކަލީމާއި އިބްރާހީމް އިސްމާއީލް)

      މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފުރަތަމަ އިންތިޚާބުގައި މަގާމުތަކަށް ކުރިމަތި ލުމުގެ މުއްދަތު އިއްޔެ ހަވީރު 4 ޖެހިއިރު ހަމަވީއިރު އޮލިމްޕިކް ކޮމިޓީގެ އެންމެ މުހިންމު މަގާމުތަކަށް ކުރިމަތި ލާފައިވާ ފަރާތްތައް އިތުބާރު ހުރި ގޮތަކަށް ރާއްޖެ ކުޅިވަރު ޑޮޓްކޮމްއަށް ކަށަވަރު ވެއްޖެއެވެ. ނަމަވެސް އޮލިމްޕިކް ކޮމިޓީން އިއްޔެ ހަވީރު 4 ޖެހިފަހުންވެސް އަދި ރޭގައިވެސް ބުނެފައި ވަނީ މަގާމުތަކަށް ކުރިމަތި ލާފައިވާ ފަރާތްތައް ރަސްމީކޮށް މީޑިޔާއަށް ހާމަކުރައްވާނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ.

     ރާއްޖެ ކުޅިވަރަށް ވަރަށް އިތުބާރު ހުރި ފަރާތަކުން ކަށަވަރު ވެފައިވާ ގޮތުގައި މިފަހަރުވެސް ޗެއާރމަންކަމަށް ކުރިމަތި ލައްވާފައިވަނީ ކުރިން އިއުލާން ކޮށްގެންވެސް ކުރިމަތި ލެއްވި ސްވިމިންގ އެސޯސިއޭޝަނުގެ ޗެއާރމަން މުޙައްމަދު ކަލީމް އާއި އިބްރާހިމް އިސްމާއީލެވެ.

     ވައިސްޗެއާރމަންކަމަށް މިފަހަރުވެސް ކުރިމަތި ލެއްވީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ޗެއާރމަން މުޙައްމަދު ރިޔާޒް އާއި ބާސްކެޓް އެސޯސިއޭޝަނުގެ ޗެއާރމަން އަޙްމަދު ޙާފިޒާއި އެތްލެޓިކްސް އެސޯސިއޭޝަނުގެ ޗެއާރމަން މައިޒާން އަލިމަނިކާއި ޝޫޓިންގ އެސޯސިއޭޝަނުން ޑރ. ޙުސައިން ޙަލީމް (ކުޑަ ޙުސައިން) އެވެ.

     ޖެނެރަލް ސެކްރެޓަރީ ކަމަށް މިފަހަރުވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މުޙައްމަދު މާޙިދު ޝަރީފާއި ޖިމްނާސްޓިކް އެސޯސިއޭޝަނުން މުޙައްމަދު ހާނިމް ވަނީ ކުރިމަތި ލައްވާފައެވެ. ކުރީފަހަރު މިމަގާމަށް ކުރިމަތި ނުލައްވާ ފަރާތަކަށް މިފަހަރު ކުރިމަތި ލެއްވީ ބޮޑީބިލްޑިންގ ފެޑަރޭޝަނުގެ ޓިކެޓުގައި އަޙްމަދު މަރުޒޫގް (މަރޭ) އެވެ. ޓްރެޒަރާ ކަމަށް ކުރިމަތި ލައްވާފައި ވަނީ ޕެރިސް އަޙްމަދު ނަސީމާއި އަލީ ނާސިހެވެ.

          މިމަގާމުތަކުގެ އިތުރުން ދެން އޮލިމްޕިކް ކޮމިޓީއަށް އިންތިޚާބުކުރާ ފަރާތްތަކަކީ އޮލިމްޕިކް ޓީމް ސްޕޯޓްސް (2 މެމްބަރުން)، އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯޓްސް (3 މެމްބަރުން)، ނޮން އޮލިމްޕިކް ސްޕޯޓްސް (2 މެމްބަރުން)، އަންހެން މެމްބަރު (2 މެމްބަރު) އެވެ. މިމަގާމުތަކަށް ކުރިމަތިލީ ފަރާތްތައް ރާއްޖެ ކުޅިވަރު ޑޮޓްކޮމްއަށް ރޭގައި ވަނީ ކަށަވަރު ނުވެފައެވެ.