|
ގްރޫޕް ސްޓޭޖުގައި ރާއްޖެއަށް ކިހިނެއްވާނެ؟ 14-10-2009
ޙުސައިން
(ފޮޓޯ: މިދިޔަ އަހަރުގެ ސާފްޗެމްޕިއަންޝިޕްގައި އިންޑިޔާ އާއި ރާއްޖެ ކުޅުނު ގްރޫޕް ސްޓޭޖް މެޗުގައި ދިވެހި ޓީމުގެ ކުޅުންތެރިން ރެފްރީ ކައިރީގައި ޝަކުވާ ކުރަނީ) އަންނަ ޑިސެމްބަރު މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ފެށުމަށް ހަމަޖެހިފައިވާ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ މިފަހަރުވެސް ލައްވާލީ ވަރަށް އުދަނގޫ ގްރޫޕެއްގައި ކަމަށް ބަޔެއް ފަރާތްތަކުން ބުނެއެވެ. ރާއްޖެ ލައްވާލި ގްރޫޕް ދިވެހިންނަށް މިފަހަރު އުދަނގޫވާނެ ސަބަބެއް ކަމަށް އެމީހުން ބުނަނީ އިންޑިޔާވެސް މިފަޅީގައި އޮތުމެވެ. ނޭޕާލްވެސް ވަރުގަދަ ވާނެތީއެވެ. ދެން އޮތީ އަފްޣާނިސްތާނެވެ. އެހެންކަމުން އެންމެފަހުގެ ޗެމްޕިއަން ރާއްޖެ އާއި އެންމެ ފަހުގެ ރަނައަރއަޕް އިންޑިޔާ މިގްރޫޕްގައި އޮވެފައި ހުނަރުވެރި ޒުވާން ކުޅުންތެރިން ގިނަ ނޭޕާލް މިފަޅީގައި އޮތުމުން މިއީ ދިވެހިންނަށް އުދަނގޫ ގްރޫޕެއް ކަމުގައި ބަލަނީ ކަމަށް ވެދާނެއެވެ. ނަމަވެސް ސާފްޗެމްޕިއަންޝިޕްގެ މިދިޔަ 5 އަހަރަށް މުޅިން ނުބަލައި ހަމައެކަނި އެންމެ ފަހުގެ ސާފްޗެމްޕިއަންޝިޕަށް ބަލާލިޔަސް އެވާހަކަތައް ގަބޫލު ކުރެވޭކަށްނެތެވެ. މިދިޔަ އަހަރުވެސް ދިވެހި ޓީމު ލައްވާލީ ގާތްގަނޑަކަށް މިގްރޫޕުގައެވެ. މިފަހަރު ހަމައެކަނި އައިސްގެން އުޅޭ ބަދަލަކީ މިދިޔަ އަހަރު މިގްރޫޕްގައި ޕާކިސްތާން އޮވެފައި މިފަހަރު އެޖާގައަށް އަފްޣާނިސްތާން އައުމެވެ. އެނޫން އެއްވެސް ބަދަލެއް ނާދެއެވެ. މިދިޔަ އަހަރުވެސް އިންޑިޔާ އޮތީ ދިވެހިންނާ އެއްފަޅީގައެވެ. ނޭޕާލްވެސް އޮތީ ދިވެހިންނާ އެއްފަޅީގައެވެ. ނަމަވެސް ސެމީފައިނަލަށް މިގްރޫޕުން ރާއްޖެ ގޮސް ފައިނަލަށްވެސް ގޮސް ފައިނަލުގައި އެންމެ ފަހުން އިންޑިޔާވެސް ބަލިކޮށް ރާއްޖެ ތަށި ހޯދީއެވެ. ކަންދިމާވި ގޮތުން އެއްގްރޫޕެއްގައި ކުޅުނު ދެޓީމު މިދިޔަ އަހަރު ފައިނަލަށް ދިޔަައީއެވެ. އެހެންކަމުން މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާއިރު އިންޑިޔާ ރާއްޖެ ފަޅިޔަށް އައިސްފައި އޮތުމަކީ ދިވެހި ކުޅުންތެރިން ހާސްވާނެ ކަމެއްނޫނެވެ. އިންޑިޔާއާއެކު މީގެކުރިން ކުޅޭއިރު އޮންނަ ހާސްކަމާއި ބިރު މިދިޔަ އަހަރު ސިލޯނުގައި ދިވެހި ކުޅުންތެރިން ވަނީ ކަނޑުވާލާފައެވެ. އިންޑިޔާއަކީ އާބީދީގެ ގޮތުން ބޮޑު ގައުމެއް ނަމަވެސް "މިއޮތްކުޑަ ރާއްޖެ ވަނީ އެއޮތް ބޮޑު އިންޑިޔާ ބަލިކޮށްފަ" އެވެ. އެހެންކަމުން އިންޑިޔާއާ އެއްގްރޫޕެއްގައި ރާއްޖެ ލައްވާލުމަކީ ހަމައެކަނި ރާއްޖެއަށް އޮތް ބިރަކަށް ނުވާނެއެވެ. ފަހަރުގައި ރާއްޖެއަށްވުރެ އިންޑިޔާއަށް އޮތް ބިރަކަށްވެސް ވެދާނެއެވެ. ހަގީގަތުގައި ރާއްޖެ މިފަހަރު އުދަނގޫ ގްރޫޕަކަށް ދިޔަކަމުގައި ބެލެވުނީހީ ބަންގްލަދޭޝް އޮތް ފަޅިއަށް ދިޔަނަމައެވެ. ސަބަބަކީ ބަންގާޅުގައި ކުޅޭއިރު އެމީހުންގެ ހޯމް އެޑްވާންޓޭޖް އޮންނާނެތީއެވެ. މިވީގޮތުން ބަންގްލަދޭޝްއާ ރާއްޖެ ޖެހޭނެ އޮންނާނީ އެންމެ ދެގޮތެވެ. އެއީ ސެމީފައިނަލްގައި ނުވަތަ ފައިނަލްގައެވެ. ގްރޫޕް ސްޓޭޖުގައި ބަންގާޅާ ނުޖެހުނު ކަމީ ދިވެހި ކުޅުންތެރިންނަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ. ހަގީގަތުގައި މިފަހަރު އެންމެ ބާރުބޮޑުވާނީ ދިވެހި ޓީމަކަށެވެ. ސަބަބަކީ އަނެއް 7 ގައުމު ނުކުންނަ ގޮތާއި ދިވެހިން ނުކުންނަ ގޮތް ތަފާތު ވުމެވެ. ތަށި ހޯދުމުގެ އަޒުމްގައި 8 ގައުމު ނުކުތް ނަމަވެސް 7 ގައުމުގެ ރޫހު ތަފާތެވެ. ދިވެހިންގެ ރޫހު ތަފާތެވެ. އެ 7 ގައުމުގެ ތެރެއިން ބަޔެއް ގައުމުތައް ނުކުންނަނީ އަތުން ގެއްލިފައިވާ ތައްޓެއް އަލުން ހޯދާށެވެ. އަނެއްބައި ގައުމު ތައް ނުކުންނަނީ ދުވަހަކުވެސް އަދި ނުލިބޭ ތައްޓެއް މުޅިން އަލަށް ހޯދާށެވެ. އެކަމަކު ދިވެހިން ނުކުންނަނީ މިދެކަމުން އެއްވެސް ކަމެއް ކުރާކަށް ނޫނެވެ. ދިވެހިން ނުކުންނަނީ އަތުގައި އިން ތައްޓެއް ގެއްލިގެންދިޔަ ނުދީ ހިފަހައްޓާށެވެ. އެހެންކަމުން މިފަހަރު ހުރިހާ ގައުމެއްގެވެސް އެންމެބޮޑު ޓާގެޓަކަށް ވާނީ ދިވެހި ޓީމު އަތުން ތަށި އަތުލުމެވެ. ރާއްޖެ ކަޓުވާލުމެވެ. ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ކޮންމެ ބަޔަކު ނުކުތަސް ފުޓްބޯޅަ ދަނޑުގައި އެކަން އޮންނާނީ އެހެންނެވެ. ވީމާ ގްރޫޕް ސްޓޭޖުގައި ވަކި ބިރެއް ނެތެވެ. ހުރިހާ ޓީމެއް ދެކެވެސް ދިވެހިން ބިރު ގަންނަން ޖެހޭނެއެވެ. ދެން އޮތީ އަނެއް ގްރޫޕްގެ ވާހަކައެވެ. އެގްރޫޕްގެ ޓީމުތަކާމެދު ދިވެހިން އަދި ނުވިސްނަފާނެއެވެ. އެމީހުންގެ ޓީމަކާ ދިވެހިންނާ ޖެހޭނީ ސެމީއަށް ނުވަތަ ފައިނަލަށް ގޮސްފިނަމައެވެ. އެތަނުންވެސް ދިވެހިންނަށް އެންމެ އުދަނގޫ ކުރާނެ ކަމަށް ބެލެވެނީ ބަންގާޅެވެ. އެއީ އެމީހުންގެ އަމިއްލަ ގައުމުގައި ކުޅޭތީއެވެ. 2003 ގެ ފައިނަލް މެޗުގެ ހަނދާން އަދިވެސް ދިވެހިންނާއި ބަންގާޅީންގެ ހަނދާނުގައި ހުންނާނެއެވެ. |
||||||||||