|
ދިވެހި ޓީމާމެދު މިފަހަރު އަހަރެމެންކުރާ
އުންމީދު...
26-11-2009
ލާލް ސާފްޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ޓީމު ކުޅޭނަމަ މިހާރު ދިވެހިން ބަލަން ބޭނުންވާނެ ހަމައެކަނި ކަމަކީ ދިވެހި ޓީމު ކުޅޭ މަންޒަރެއްވެސްނޫނެވެ. ހަމައެކަނި ތަށި އުފުލާލާ މަންޒަރެއްވެސްނޫނެވެ. "އަނެއްކާވެސް" ތަށި އުފުލާލާ މަންޒަރެވެ. ދިވެހިން މިހާރު ވަނީ އެތަށި އުފުލާލާފައެވެ. ފުރަތަމަ ފަހަރަށް ސާކުގެ އެންމެބޮޑު ފުޓްބޯޅަ ތަށި އުފުލާލިއްޔޭ ދެނެއް އެކަކުވެސް ނުކިޔާނެއެވެ. އަހަރެމެންގެ ފަހަރުގެ ގޮތުގައި ނުކުމެ އަހަރެމެން އެވަނީ އަހަރެމެންގެ އާކަން ކަނޑުވާލާފައެވެ. ދެން ކުރިޔަށްދާނީ ދޭކުން ފެށިގެންނެވެ. ދެވަނަ ފަހަރަށް ނޫނީ ތިންވަނަ ފަހަރަށެވެ. އެހެންކަމުން މިފަހަރުވެސް އަހަރެމެންގެ އުންމީދުތަކެއް އެބަހުއްޓެވެ. ޝިއާރެއްގެ ގޮތުގައި މިފަހަރަކީވެސް އަހަރެމެންގެ ފަހަރު ކަމުގައި ނުކިޔަސް އަހަރެމެންގެ އުންމީދުތައް ގުޅިފައި ވަނީ ހަމަ އަހަރެންގެ ފަހަރަށެވެ. ވިދިވިދިގެން ދެފަހަރަށް އެތަށި ދިވެހި ފަސްގަނޑަށް އަރުވައި ސަރަހައްދީ ގައުމުތައް ސިއްސުވާލާށެވެ. އެކަން ކުރެވޭވަރުގެ ޓީމެއް ގައިމުވެސް މިރާއްޖޭގައި އެބައޮތެވެ. ދިވެހި ކުޅުންތެރިން އެވަނީ އެކަން ސާބިތުކޮށްދީފައެވެ. މިފަހަރު އަހަރެމެންގެ އުންމީދުތައް އުހުގައި ހުންނަންޖެހޭ އެހެން ސަބަބެއްވެސް އެބައޮތެވެ. މިއީ އަހަރެމެން އެންމެ ރަނގަޅަށް ތައްޔާރުވި ފަހަރަށްވާނެއެވެ. ޓެކްނިކަލީ ގޮތުން މިއީ ޓީމަށް އެންމެ ރަނގަޅަށް ފުރުޞަތު ލިބުނު ފަހަރެވެ. މީގެކުރިން ދިވެހި ޓީމު ސަރަހައްދުގެ އެންމެބޮޑު މުބާރާތަށް ދިޔަސް ނޫނީ އެއަށްވުރެ ކުޑަ މުބާރާތަކަށް ދިޔަސް ދިވެހި ޓީމު ގޮވައިގެން ނުކުންނަ ކޯޗުގެ އެންމެބޮޑު ޝަކުވާއެއްގެ ގޮތުގައި ބުނާ ވާހަކައަކީ "އަހަރެމެންނަށް އެކަށީގެންވާ މެޗު ކުޅެލަން މުބާރާތަށް ދިޔުމުގެ ކުރިން ލިބިފައިނުވޭ" މިއެވެ. ދިވެހިން މިދިޔަ އަހަރު ސާފްޗެމްޕިއަންޝިޕް ހޯދި ފަހަރުވެސް ކޯޗު ޔަންކޭ ބުނަމުން އައީ އޭނާ ބޭނުންވި އަދަދަށް މުބާރާތުގެ ކުރިން އެކުވެރިކަމުގެ މެޗު ނުލިބުނު ކަމަށެވެ. އާއްމުކޮށް ކޯޗުން ބުނަމުން އަންނަނީ މުބާރާތަށް ނުކުތުމުގެ ކުރިން "ވަރުގަދަ" ހަތަރު މެޗު މަދުވެގެން ބޭނުން ކަމަށެވެ. މިއީ އެކަންވެސް ފުރޮޅި ކޯޗުގެ ކޮޅަށް އެބޯޅަ އެފްއޭއެމުން ތާރީޚުގައިވެސް ފޮނުވާލި ފުރަތަމަ ފަހަރެވެ. މީގެކުރިން އަބަދުވެސް ކޯޗު ހުންނަނީ މުބާރާތް ފެށުމުގެ ކުރިން އެފްއޭއެމް ކޮޅަށް އެބޯޅަ ވައްދާލައިގެންނެވެ. ބަލިވިޔަސް ނޫނީ ނާކާމިޔާބު ވިޔަސް ހަގީގަތުގައި ބޯޅަ އޮންނަނީ އެފްއޭއެމްގެ ވެރިންގެ އަތުގައެވެ. ކޯޗަށް ދެއްކޭނެ ވަރަށްބޮޑު ބަހަނާއަކަށް އެކަން އޮވެއެވެ. ނަމަވެސް މިފަހަރު އަހަރެމެން ތަފާތެވެ. މިފަހަރު ބޯޅަ އޮތީ ކޯޗުގެ ކޮޅުގައެވެ. އެފްއޭއެމުން ބޯޅަ އެއޮތީ ފޮނުވާލާފައެވެ. ކޯޗު ބޭނުންވާ ވަރަށްވުރެވެސް ގިނަމެޗު ބަންގްލަދޭޝްގެ ބަންގްބަންދް ސްޓޭޑިއަމަށް ދިވެހި ޓީމު ގޮވައިގެން ނުކުތުމުގެ ކުރިން އެފްއޭއެމުން ހޯދައިދީފިއެވެ. އަދިވެސް މެޗުތަކެއް އެބަހުއްޓެވެ. އެކަން އެފްއޭއެމުންވެސް އަދި ޓީމުންވެސް ވަނީ ފާހަގަ ކޮށްފައެވެ. އެފްއޭއެމުންވެސް އަދި ޓީމުގެ އޮފިޝަލުންވެސް ބުނެފައި ވަނީ މިއީ ޓެކްނިކަލީ ގޮތުން އެންމެ ރަނގަޅަށް ޓީމަށް ތަޖުރިބާ ލިބުނު ފަހަރު ކަމަށެވެ. ގައުމީ ޓީމަށް މުބާރާތުގެ ކުރިން ލިބިފައި އޮންނާނެ ވަރުގަދަ މެޗު ތަކުގެ ތެރޭގައި ބަހުރޭންގެ އެންމެ ވަރުގަދަ ޓީމުތަކާއެކު ކުޅުނު މެޗު ތަކާއި ކޮރެޔާގެ އެންމެވަރުގަދަ އެއްޓީމާއެކު ކުޅުނު މެޗާއި މެލޭޝިޔާގެ އެންމެ ވަރުގަދަ ޓީމުތަކާއެކު ކުޅުނު މެޗުތައް ހިމެނޭނެއެވެ. އެގޮތުން ދިވެހި ޓީމު ވަނީ ބަހުރޭނަށް ގޮސް އެގައުމުގެ ފުރަތަމަ ޑިވިޝަނުގައި ހިމެނޭ ތިންޓީމާއެކު ކުޅެފައެވެ. އޭގެތެރެއިން ބަހުރޭންގެ އަލްޝަބާބްއާއެކު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެވަނަ މެޗުގައި އެގައުމުގެ އަލް ނަޖްމާ ބައްދަލުކޮށް ދިވެހި ޓީމު ބަލިވީ 3-1 ންނެވެ. ތިންވަނަ މެޗުގައި އެގައުމުގެ އަލް ރިފާއާ ބައްދަލުކޮށް ބަލިވީ 5-1 ންނެވެ. 10 ދުވަހުގެ ޓްރޭނިންގ ކޭމްޕް ނިންމާލުމަށް ފަހު ރާއްޖެ އައިސް ގަލޮޅު ދަނޑުގައި ދިވެހި ޓީމު ވަނީ ކޮރެޔާގެ އެންމެ ވަރުގަދަ އެއްޓީމު ކަމުގައިވާ އުލްސާންއާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެމެޗު 2-1 ން ކާމިޔާބު ކޮށްފައި ވަނީ އުލްސާނެވެ. ދިވެހި ޓީމު މިހާރު ވަނީ މެލޭޝިޔާގައެވެ. މެލޭޝިޔާގައި މާދަމާ ދިވެހި ޓީމު ނުކުންނާނީ އެގައުމުގެ ސީނިއަރ ގައުމީޓީމާ ދެކޮޅަށެވެ. އެއަށްފަހު ތިންދުވަސް ފަހުން މެލޭޝިޔާގެ 21 އަހަރުން ދަށުގެ ގައުމީޓީމާއެކުވެސް ދިވެހި ޓީމު އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. އެހެންކަމުން މިމެޗު ތަކުގެ ތަޖްރިބާއަކީ ބަންގާޅަށް ގޮސް ގްރޫޕް ސްޓޭޖުގައި އިންޑިޔާ އާއި ނޭޕާލް އަދި އަފްޣާނިސްތާނާ ބައްދަލު ކުރާއިރު ދިވެހި ޓީމަށް ލިބޭނެ ރަނގަޅު ފިލާވަޅު ތަކަކަށްވާނެއެވެ. ވީމާ މިއީވެސް އަހަރެމެންގެ ފަހަރަށް ނުވާވީން ކީތްވެހެއްޔެވެ؟ އެކަމަކު އަހަރެމެންގެ އުންމީދުތައް މުބާރާތުގައި ކުޅުމުގެ ކުރިން ކޮންޓްރޯލުން ނެއްޓިގެން ދާންވެއްޖެނަމަ ދެންވާނެ ގޮތްވެސް ވިސްނާލުން ބުއްދިވެރިއެވެ. |
||||||||||