|
ހަތަރު ލަނޑު ޖަހައިގެން ނިއުރޭޑިއަންޓު އަތުން މާޒިޔާ މޮޅުވެއްޖެ 05-07-2009
އިސްމާއީލް ހައިބަތު ވަތަނިއްޔާ ދިވެހި ލީގުގައި ނިއުރޭޑިއަންޓް ކޮޅަށް ހަތަރު ލަނޑު ޖަހައިގެން މާޒިޔާ މޮޅުވެއްޖެއެވެ. ރާއްޖޭގެ އެންމެބޮޑު އެއްކުލަބުގެ މައްޗަށް މާޒިޔާ އިއްޔެ ހޯދި މިކާމިޔާބަކީ ނިއުގެ ކައިރީގައި މޮޅުކުޅުމެއް ދައްކައިގެން ހޯދި ކާމިޔާބެކެވެ. މިމެޗުގައި މާޒިޔާއިން ޖެހި ލަނޑުތައް އައީ އަޙްމަދު ރަޝީދާއި އަލީ ނާފިއުގެ ފަރާތުންނެވެ. މާޒިޔާއިން ހަތަރު ލަނޑު ޖެހިއިރު ނިއުގެ ކުޅުންތެރިންނަށްވެސް މާޒިޔާ ކޮޅަށް ލަނޑު ޖަހާނެ ފުރުޞަތު ކޮންމެވެސް ވަރަކަށް ލިބިފައި ވެއެވެ. ނަމަވެސް މެޗުގެ 90 މިނިޓާއި ރެފްރީގެ އިތުރު ވަގުތުގައި އެކަން ކުރެވިފައެއް ނުވެއެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނީ މެޗުން މޮޅުވުމުން އުފާވާ ކަމަށާއި މިމެޗުގައި ބޭނުންވީ ނިއުރޭޑިއަންޓް އަތުން ބޮޑު ތަފާތަކުން މޮޅުވާން ނޫން ކަމަށެވެ. އިންމަ ބުނީ މިމެޗުން ބޭނުންވީ ކުޑަ ތަފާތަކުން މޮޅުވެގެންވެސް 3 ޕޮއިންޓް ކަމަށެވެ. ނިއުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ ނިއުގެ ކުޅުންތެރިން ފަހަކަށް އައިސް ޕްރެކްޓިހުގައިވެސް އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން ނުދާކަމަށެވެ. ނަމަވެސް އެހެން ވަނީ ކީއްވެގެންކަން ކަނޑައެޅިގެން ނޭނގޭ ކަމަށް މޯހަން ބުންޏެވެ. ނަމަވެސް ނިއުގެ ކުޅުންތެރިންނަށް މިހެން އެވަނީ ފައިސާގެ މައްސަލަތަކެއް ކުރިމަތި ވެގެން ކަމުގައި މީހަންގެ ވާހަކައިން ދޭހަވެއެވެ. |
||||||||||