HOME    

ވެލެންސިއާ ފަހަތުން އަރާ އޭވައިއެލް އާ އެއްވަރުކޮށްފި

04-07-2009

ލާލް

      ވަތަނިއްޔާ ދިވެހި ލީގުގައި އިއްޔެ ވެލެންސިއާ އާއި އޭވައިއެލް ބައްދަލުކުރި މެޗު 2 – 2 ކުން އެއްވަރުވެގެން ނިމިއްޖެއެވެ. މިމެޗުގައި އޭވައިއެލް ދެލަނޑުގެ ލީޑެއް ނަގާފައި އޮއްވާ ވެލެންސިއާ ފަހަތުން އަރާ ދެލަނޑު ޖަހައި އޭވައިއެލްއަށް ލިބެން އޮތް ތިން ޕޮއިންޓް އެއް ޕޮއިންޓަށް ހަދާލިއެވެ.

     ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުޟަތު ލިބި ނަމަވެސް ގޯލު ތެރެއަށް ވައްދާލުމުގެ ނަސީބެއް ނުލިބުނެވެ. އެގޮތުން ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެޓީމަށްވެސް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފް ފެށިތާ މާގިނައިރުތަކެއް ނުވަނީސް އޭވައިއެލްގެ ފުރުތަމަ ލަނޑު ފެނިގެން ދިޔައެވެ. އެއީ ވެލެންސިއާގެ ކެޕްޓަން ޖަމީލް ކުރި ފައުލަކަށް އޭވައިއެލަށް ލިބުނު ޕެނަލްޓީ މުޙައްމަދު ފަސީރު ގޯލުގެ ތެރެޔަށް ވައްދާލުމުންނެވެ. އޭވައިއެލްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ވެލެންސިއާ ކޮޅަށް ހެދި ސޮޓެއް ކީޕާ ޕަންޗުކޮށް ފޮނުވަލި ބޯޅަ އޭވައިއެލްގެ މާހިރަށް ލިބުމުން ފަސޭހަކަމާއެކު ވެލެންސިއާގެ ގޯލަށް ވައްދާލުމުންނެވެ.

     ވެލެންސިއާ ކޮޅަށް ދެވަނަ ލަނޑު ވަދެގެން ދިޔަތާ ދެތިން މިނެޓް ތެރޭ ވެލެންސިއާގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައެވެ. ވެލެންސިއާގެ ނަޝީދަށް ލިބުނު ބޯޅަ ފަސޭކަމާއެކު އޭވައިއެލްގެ ގޯލުގެ ތެރެއަށް ވައްދާލައި ވެލެންސިއާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނެވެ. ލަނޑަށް ފަހު ވެލެންސިއާ އާހިއްވަރަކާއެކު ކުޅުމުގެ ނަތީޖާއަކަށްވީ މެޗު މިމެނިކޮށް ޝިޔާމަށް (ދޮނާ) ލިބުނު ހުރަހެއް ބޮލުން ފޮނުވާލައި އޭވައިއެލްގެ ގޯލުގެ ތެރެޔަށް ވައްދާލައި ނަތީޖާ އެއްވަރު ކުރުމެވެ.

     މިއަދުވެސް ވަތަނިއްޔާ ދިވެހި ލީގުގެ މެޗެއް އޮންނާނެވެ. މިމެޗުގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓާއި މާޒިޔާއެވެ. މިދެޓީމު އެންމެ ފަހުން ބައްދަލުކުރި މެޗުވަނީ 3 – 3 ކުން އެއްވަރު ވެފައެވެ. މިމެޗުން ނިއުރޭޑިއަންޓް މޮޅުވެއްޖެނަމަ މާޒިޔާ އާ ޕޮއިންޓުގެ ގޮތުން އެއްވަރުވާނެއެވެ. އެއީ ނިއުރޭޑިއަންޓަށް 14 ޕޮއިންޓް ލިބިފައިވާއިރު މާޒިޔާއަށް 17 ޕޮއިންޓް ލިބިފައިވެއެވެ. މިމެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ ޕޮއިންޓް ޓޭބަލްގެ ދެވަނަ މަގާމުގައި އޮތް ވިކްޓްރީ އާ ގާތަށް ޖެހިލާނެއެވެ. މިވަގުތު ވިކްޓްރީއަށް ލިބިފައިއޮތީ 21 ޕޮއިންޓެވެ.