|
20 ލަނޑު ޖަހައިގެން ލީގުގެ ރެކޯޑެއް ވީބީ ހަދައިފި 03-07-2009
ލާލް ވަތަނިއްޔާ ދިވެހި ލީގުގައި ރޭ ވީބީ އާއި ކަޅައިދޫ ކުޅުނު މެޗު 20-0 ލަނޑުގެ ހައިރާން ކުރުވަނިވި ތަފާތަކުން ވީބީ ކާމިޔާބު ކޮށްފިއެވެ. މިއީ ދިވެހި ލީގުގައި މިހާތަނަށް އެއްމެޗެއްގައި އެންމެގިނަ ލަނޑު ޖެހުމުގެ ރެކޯޑެކެވެ. ނަމަވެސް ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު އެއްމެޗެއްގައި ޖެހި މެޗަށް ރޭގެ މެޗު ނުވާނެއެވެ. އެއްމެޗެއްގައި އެންމެގިނަ ލަނޑު ޖެހުމުގެ ރެކޯޑަކީ 23 އެވެ. އެރެކޯޑް އޮތީ އައިއެފްސީގެ އަތުގައެވެ. ރޭގެ މެޗު ވެގެންދިޔައީ ދިވެހި ލީގުގެ ރެކޯޑް މެޗެއްގެ އިތުރުން އެއްމެޗެއްގައި އެއްކުޅުންތެރިޔަކު އެންމެގިނަ ލަނޑު ޖެހުމުގެ ރެކޯޑަށްވެސް މެއެވެ. އެއީ 12 ލަނޑެވެ. މިމެޗުގައި ވީބީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ 12 ލަނޑު ޖަހާފައެވެ. މިމެޗުގައި ވީބީއަށް ދެން ލަނޑު ޖަހައިދިނީ ރިލްވާން (ރިލޭ)، އަބޫ، ނިޔާޒް، ހަނީފް (ބެންޖޯ)، އަދި މުޙައްމަދު ޙުސައިން (އޮއިއްޓޭ) އަދި އަލީ އުމަރެވެ. މީގެތެރެއިން އަލީ އުމަރާއި އޮއިއްޓޭ ވަނީ ދެލަނޑު ޖަހާފައެވެ. މެޗަށްފަހު އޮތް ނިއުސްކޮންފަރެންސްގައި ވީބީގެ ކޯޗު ލާސްލޯ ކިސްއަށް ބަޔެއް ނޫސްވެރިން އަމާޒުކުރި އެއްސުވާލަކީ މެޗުގައި އެހާގިނަ ލަނޑު ޖެހުމުން މިމެޗު ވީބީން ގަނެލާފައިވާ ކަމަށް މީހުން ބުނަމުންދާ ކަމަށާއި ކިސް ބުނަނީ ކީކޭތޯއެވެ. ޖަވާބުގައި ކިސް ވަރަށްބޮޑަށް ހިތްހަމަ ނުޖެހިގެން ބުނީ އެކަމާ ވިސްނުމަކީވެސް އޭނާއަށް އުދަނގޫ ކަމެއް ކަމަށާއި އަދި ރިޝްވަރުގެ އެއްވެސް މައްސަލައެއް މެޗުގައި ނެތް ކަމަށެވެ. އެސުވާލަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަ ދައްކަމުން ކިސްބުނީ ވީބީން ނެރުނު ނަތީޖާއާމެދު އެހެން ކުލަބުތަކުގެ ސަޕޯޓަރުން ހިތްހަމަ ނުޖެހެންވީ ސަބަބެއްވެސް ނެތް ކަމަށެވެ. ކަޅައިދޫ ޓީމުގެ މެނޭޖަރު ޝަމްއޫނަށްވެސް ބަޔެއް ނޫސްވެރިން ހަމަ އެސުވާލު ކުރިމަތި ކުރުމުން އޭނާ ބުނަނީ އެކަމާދޭތެރޭގައި ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. މިމެޗަށްފަހު ބަޔެއް މީޑިޔާތަކުން މިމެޗު ކަޅައިދޫއަށް ރިޝްވަތު ދީގެން ވީބީން ގަނެލީކަމަށް އިޝާރާތްކޮށް ކޯޗާއި ކުރި ސުވާލު ތަކަކީ މެޗު ވިއްކާލި ކަމުގެ މަންޒަރު އާއްމުންގެ ތެރޭގައި ދެއްކުމަށް ކުރި ސުވާލުތަކެއް ކަމަށްބުނެ މެނޭޖްމެންޓުން ވަނީ އެކަމަށް ފާޑު ކިޔާފައެވެ. ރާއްޖެ ކުޅިވަރު ޑޮޓްކޮމްއަށް ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ދިން އިންޓަވިއުއްގައި ބުނީ ބަޔެއް މީޑިޔާތަކުން ކޯޗަށް އެގޮތަށް ސުވާލު އަމާޒުކުރީ ވީބީއާ ޒާތީ ގޮތުން ޖައްސާލާފައިވާތީ ކަމަށެވެ. "އަހަރެމެން މެޗަކުން މޮޅުވާއިރަށް ބަޔެއް ނޫސްވެރިންނަށްވެސް ހީވަނީ މެޗު ގަނެލިއްޔޭ. އަހަރެމެން އޭވައިއެލް އަތުން ބަލިވީމަ އެވާހަކައެއް ބޮޑުކޮށްގެނެއް ނުދައްކާ، އަހަރެމެން މާޒިޔާ ކައިރިން އެއްވަރުވީމަ އެވާހަކަވެސް ބޮޑުކޮށްގެނެއް ނުދައްކައި. ކަޅައިދޫ އަތުން ކުރިން 7-0 ން އަހަރެމެން މޮޅުވެފައި ރޭގެމެޗުން 20 ލަނޑުން މޮޅުވީމަ އެވާހަކަ ދައްކަނީ. އަހަރެމެން މެޗަކުން މޮޅުވީމަ ހަމައެކަނި ބޮޑުކޮށްގެން ވާހަކަ ދައްކަނީ. އެއީ މައްސަލައެއް، ބަޔެއް ނޫސްވެރިން ވީބީއާ ޒާތީ ގޮތުން ތިބެނީ ޖައްސާލައިގެން. ވީބީއަކުން ނޯންނާނެ އެއްވެސް ބަޔަކަށް ފައިސާ ދީގެން މެޗު ގަނެލާފައެއް. މިއީ ބަޔަކު މީހުން އަޑީގައި ތިބެގެން ކުރުވާކަމެއް. ބަޔެއް ފަރާތްތަކުން އެބަ މަސައްކަތް ކުރޭ ކޯޗާއި ދަގަނޑޭ ޖައްސުވަން ވެގެންވެސް. މިއީ ދެރަކަމެއް. ފުޓްބޯޅައަށް ހެޔޮ އެދޭބަޔަކު އެގޮތަކަށް ކަންތަކެއް ނުކުރާނެ." ސަތޯ ބުންޏެވެ. ސަތޯ ބުނީ ބަޔެއް މީޑިޔާ ތަކުން ވީބީއާ ބެހޭގޮތުން ނެގެޓިވް ވާހަކަތައް ޖަހަމުން ދާދިޔުމަކީ ވީބީގެ މަސައްކަތަށްވެސް ގޯސް އަސަރު ކުރަމުންދާ ކަމެއް ކަމަށެވެ. "ވީބީއަކީ ފުޓްބޯޅައަށް ރަނގަޅަކަށް މަސައްކަތް ކުރާ ބަޔެއް. އަހަރެމެން ބޮޑު ޚަރަދު ކޮށްގެން ކުލަބު މިހިންގަނީ ފުޓްބޯޅައިގެ ރަނގަޅަކަށް. އެކަމަކު ބަޔެއް ނޫސްވެރިން ނުކުމެ ވީބީއާ ޖައްސާލީމަ އަހަރެމެންގެ ކޯޗުންނާއި ކޯޗިންގ ސްޓާފުގެ މީހުންގެ މޯޓިވޭޝަނަށްވެސް އަސަރުކުރޭ. އެމީހުން އެކުރަނީ ވަރަށް ގޯސްކަމެއް. ފާޅުގައި ވީބީއާ ޖައްސާލައިގެން އުޅޭ ނޫސްވެރިންތަކެއް އެބައުޅޭ. އެކަން އެނގޭނެ ލިޔެފަ ހުންނަ އެއްޗެތި ބެލީމަވެސް. ނޫސްވެރިންވެސް މަސައްކަތް ކުރަން ޖެހޭނީ ފުޓްބޯޅައިގެ ފައިދާއަށް" ސަތޯ ބުންޏެވެ. ބަޔެއް މީޑިޔާތަކުގެ ނަން ބޭނުންކޮށްގެން ސަތޯ ވާހަކަ ދެއްކި ނަމަވެސް މަސްލަހަތަށްޓަކައި ރާއްޖެ ކުޅިވަރު ޑޮޓްކޮމްއިން އެފަރާތްކުގެ ނަން ސިއްރު ކުރަމެވެ. ރޭގެ މެޗު ކުޅުނުއިރު ވީބީން ވަނީ އެޓީމުގައި ތިބި ދެކުޅުންތެރިޔެއްގެ ކޮންޓްރެކްޓްވެސް އުވާލާފައެވެ. އެއީ އާދަމް ލަރީފް (ރޮނާލްޑޯ) އާއި ޝިނާޒް ޙިލްމީއެވެ. މިދެކުޅުންތެރިންނަށް ބޭނުން ޓީމަކަށް ކުޅެވޭނެ ކަމަށް ސަތޯ ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޮނާލްޑޯ ވަނީ ވެލެންސިއާއަށް ގޮސްފައެވެ. ނަމަވެސް ޝިނާޒް ދިޔަ ޓީމެއް ކަށަވަރެއް ނުވެއެވެ. މިދެކުޅުންތެރިން ވީބީން ދޫކޮށްލީ ކުލަބަށް އެކަށީގެންވާ ފައިދާ އެކުޅުންތެރިންގެ ފަރާތުން ނުލިބޭތީއެވެ.
|
||||||||||