HOME    

ޓޮމް ނިއުރޭޑިއަންޓް ދޫކޮށް ވެލެންސިއާއަށް؟
ޓްރާންސްފަރ ޕީރިއަޑަށްފަހު އެހެން ޓީމަކުން ފެނުމުގެ ފުރުޞަތު އެބައޮތް- ޓޮމް
އެކަމާބެހޭ ގޮތުން އެއްވެސް ވާހަކައެއް މިވަގުތު ދައްކާކަށް ބޭނުމެއްނޫން- ވެލެންސިއާ
ޓީމުގެ ކުޅުންތެރިންތަކެއް ކުލަބް ދޫކޮށްދާން އުޅޭކަމުގެ އަޑު އެހިން- ނިއުގެ ކޯޗު

05-07-2009

ޖައުފަރު ރަޝީދު (ޖޯރޭ)

      ނިއުރޭޑިއަންޓްގެ ފޯވަޑް އަޙްމަދު ތޯރިގް (ޓޮމް) ކުރިޔަށް އޮތް ޓްރާންސްފަރ ޕީރިއަޑަށްފަހު ފެންނާނީ ކުލަބް ވެލެންސިއާގެ ޖާޒީން ކަމުގައި ރާއްޖެ ކުޅިވަރު ޑޮޓްކޮމްއަށް ވަރަށް އިތުބާރު ހުރި ފަރާތަކުން ކަށަވަރު ވެއްޖެއެވެ. ނަމަވެސް މިކަން ޓޮމް އާއި ވެލެންސިއާއިން ވަނީ ކަށަވަރުކޮށް ނުދީފައެވެ. ރާއްޖެ ކުޅިވަރު ޑޮޓްކޮމްއަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ޓޮމް އާއި ވެލެންސިއާއާ މެދުގައި މިހާރު ވަނީ 100 ޕަސެންޓް އެއްބަސްވުމަކަށް އައިސްފައެވެ. އަދި މިއަދުގެ ވަގުތެއްގައި ޓޮމް ވެލެންސިއާގެ އެގްރީމެންޓްގައި ސޮއި ކުރާނެ ކަމަށްވެސް ރާއްޖެ ކުޅިވަރު ޑޮޓްކޮމްއަށް މައުލޫމާތު ލިބިފައި ވެއެވެ.

           މިކަމާގުޅިގެން ޓޮމްއަށް ގުޅާލުމުން އޭނާ ބުނީ އޭނާ ނިއުއަށް ކުޅެމުން އަންނަނީ އެއްވެސް އެގްރީމެންޓެއް އޮވެގެން ނޫން ކަމަށާއި ނިއު ދޫކޮށް އެހެން ޓީމަކަށް ދިޔުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށެވެ. ނަމަވެސް ބަދަލުވާން ވިސްނަނީ ކޮންޓީމަކަށްތޯ ކުރި ސުވާލުގައި ޓޮމް ބުނީ "އެއީ ސިއްރެއް" ކަމަށެވެ.

           "އަހަރެންނާ ކުލަބަކުން ނެގޯޝިއޭޓް ކުރަމުންދަނީ. ޓްރާންސްފަރ ޕީރިއަޑަށް ފަހު އެހެން ޓީމަކުން ފެނިދާނެ. މިވަގުތު ބުނެވެން އޮތީ އެހާވަރަށް. މާދަމާ (މިއަދު) ގުޅައިފިއްޔާ ފުރިހަމަ ޖަވާބެއް ދެވިދާނެހެން ހީވަނީ" ޓޮމް ބުންޏެވެ.

           ނިއުރޭޑިއަންޓް ދޫކޮށް އެހެން ޓީމަކަށް ދާންވިސްނީ ކީއްވެތޯ ރާއްޖެ ކުޅިވަރު ޑޮޓްކޮމްއިން ސުވާލު ކުރުމުން ޓޮމް ބުނީ އެވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

           "މިހުރިހާ ދުވަހު ކުޅުނު ކުލަބް ގޯސްކޮށްފައި އަހަރެން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނޫން" ޓޮމް ބުންޏެވެ.

           ވެލެންސިއާގެ އޮފިޝަލަކަށް މިކަމާގުޅިގެން ރާއްޖެ ކުޅިވަރު ޑޮޓްކޮމްއިން ގުޅުމުން ބުނީ "މިވަގުތު އެކަމާމެދު އެއްވެސް ވާހަކައެއް ދެއްކެން ނެތް" ކަމަށެވެ. ނަމަވެސް ޓޮމްއާ ވެލެންސިއާއިން ވާހަކަ ދެއްކިކަން އޮފިޝަލް ކަށަވަރުކޮށް ދިނެވެ. ނަމަވެސް އެކަން އޮތީ ކިހާހިސާބެއްގައި ކަމެއް ތަކުރާރުކޮށް ސުވާލު ކުރުމުންވެސް އޮފިޝަލް ނުބުންޏެވެ.

           ޓޮމް އެހެން ޓީމަކަށް ދާންއުޅޭ ކަމުގެ އެއްވެސް ކަހަލަ ޚަބަރެއް ލިބިފައިވޭތޯ ނިއުގެ މެނޭޖަރު އަލީ ވަޙީދު (ބަލަކް) އަށް ސުވާލު ކުރުމުން ވިދާޅުވީ "އެކަމާމެދު މިވަގުތު ކޮމެންޓެއް ދެވެން ނެތް" ކަމަށެވެ. ނަމަވެސް އިއްޔެ މާޒިޔާ އާއި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗަށް ފަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ނިއުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފައި ވަނީ ނިއުގެ ބަޔެއް ކުޅުންތެރނިން ޓްރާންސްފަރ ޕީރިއަޑަށް ފަހު ނިއު ދޫކޮށް އެހެން ޓީމު ތަކަށް ދާންއުޅޭ ކަމުގެ އަޑުތަކެއް އޭނާއަށް އިވިފައިވާނެ ކަމަށާއި އެވާހަކަތައް މެނޭޖްމެންޓާ ހަމައަށްވެސް ގެންގޮސްފައިވާނެ ކަމަށެވެ.