HOME    

ކޮނިކާ، ސެންޑީ، ކާއްޓޭ، ބަޓިސް، ކުޑަކާއްޓޭ ސީހައުސްއަށް
އައްކަޅޭ ސިފައިންގެ ޓީމަށް، ނިޒާރާއި ފަތީން ނާވައިދޫ ޓީމަށް ހިނގައްޖެ
މުބާރާތުގެ ނަން "މެކްސި ބޫސްޓަރ ވޮލީބޯލް ކަޕް" ގެ ނަމުގައި ބާއްވަނީ

06-07-2009

ޖައުފަރު ރަޝީދު (ޖޯރޭ)

      މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ފެށުމަށް ތައްޔާރު ވަމުން އަންނަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ނުކުންނަ ޓީމުތަކުގެ ތެރެއިން ހީވެސް ނުކުރާ ކަހަލަ ޓީމުތަކުގެ ޓީމު ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިންތަކެއްގެ ނަން ހިމަނައިފިއެވެ. އެގޮތުން ވޮލީއަށް މުޅިން އަލަށް ނުކުންނަ "ކުލަބް ސީހައުސް" ގެ ޓީމުގެ ލިސްޓުގައި ރާއްޖޭގެ ވަރަށް މަޝްހޫރު ކުޅުންތެރިންތަކެއްގެ ނަން ހިމަނާފައި ވެއެވެ. މިއީ އެންމެ ފާހަގަ ކޮށްލެވޭ ބަދަލުތަކެވެ.

           އެގޮތުން ހުޅުމާލޭ ފެރީ ޓާމިނަލްގެ މަތީގައި ހުންނަ ސީހައުސް ކެފޭއަށް ނިސްބަތްވާ މިޓީމުގެ ލިސްޓުގައި ނިމިގެންދިޔަ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބަނޑޮސް ޓީމުގެ ކޯޗުގެ ގޮތުގައި ހުރި މަޝްހޫރު ކުޅުންތެރިޔާ މުޙައްމަދު ސާޖިދު (ކާއްޓޭ) އާއި އޭނާގެ ކޮއްކޮ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޙްމަދު އަލީ (ކޮނިކާ) ގެ އިތުރުން ޙުސައިން ސައީދު (ސެންޑީ) ހިމެނެއެވެ. މީގެއިތުރުން ޒުވާން ސެޓަރ މުޙައްމަދު އިޝާން (ބަޓިސް) ވެސް ވަނީ ސީހައުސްގެ ޓީމު ލިސްޓުގައެވެ.

           މީގެއިތުރުން ދެން އެންމެ ފާހަގަ ކޮށްލެވެނީ ނާވައިދޫ ޒުވާނުންގެ ޖަމްއިއްޔާގައި ރާއްޖޭގައި އުފެދުނު އެންމެމޮޅު އެއްކުޅުންތެރިޔާ ނަމަވެސް ފަހަކަށް އައިސް އަނިޔާގެ ސަބަބުން އެންމެ ރަނގަޅު ކުޅުމެއް ދައްކަން އުދަނގޫ ވެފައިވާ ނިޒާރު އިބްރާހިމާއި ނިމިގެންދިޔަ ރިސޯޓް މުބާރާތުގައި ބަނޑޮސް ޓީމުގެ ސެޓަރަކަށް ހުރި ފަތީން ހުރުމެވެ. މީގެއިތުރުން ސިފައިންގެ ޓީމުގެ ޓީމު ލިސްޓުގައި އައްކަޅޭވެސް ހިމަނާފައި ވެއެވެ. ސިފައިންގެ ޓީމަކީ މަޝްހޫރު ކުޅުންތެރިޔާ އަޙްމަދު އަބްދުލްކަރީމް (ލޯންގޭ) ވެސް ކުޅެމުން އަންނަ ޓީމެވެ.

           ވޮލީބޯލް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ޙުސައިން މުޙައްމަދު ރާއްޖެ ކުޅިވަރު ޑޮޓްކޮމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ގުރުއަތުލުން މާދަމާރޭ އޮންނާނެ ކަމަށެވެ. އެރަސްމިއްޔާތުގައި މުބާރާތުގެ ސްޕޮންސަރުންނާއެކު ސޮއި ކުރުންވެސް އޮންނާނެއެވެ. މިމުބާރާތުގެ ސްޕޮމްސަރުންނަކީ އެނާރޖީ ޑްރިންކެއް ކަމުގައިވާ މެކްސި ބޫސްޓާރ ކިޔާ އުފެއްދުމެވެ. އެހެންކަމުން މިމުބާރާތް މިފަހަރު ކުރިޔަށްދާނީ "މެކްސި ބޫސްޓަރ ވޮލީބޯލް ކަޕް" ގެ ނަމުގައި ކަމަށްވެސް ޙުސައިން ވިދާޅުވިއެވެ.

           މިމުބާރާތުގައި ބައިވެރި ވެފައިވާ ޓީމު ތަކަށްބަލާއިރު ފުރިހެން ޑިވިޝަނުގައި ޖުމްލަ 8 ޓީމު އަދި އަންހެން ޑިވިޝަނުގައި 5 ޓީމު ބައިވެރި ވެފައިވެއެވެ. އެގޮތުން ފިރިހެން ޑިވިޝަނުގައި ބައިވެރި ވެފައިވާ 8 ޓީމަކީ ޕޮލިސް ކުލަބް، ދިވެހި ސިފައިންގެ ކުލަބް، ކުލަބް ސީހައުސް، ހޮސްބަގް ޓީމް (ބ. ގޮއިދޫ ޓީމެއް)، ވޮލީބޯލް އެސޯސިއޭޝަނުހެ ޔޫތް ޓީމް، ގއ. ވިލިނގިލީ ޒުވާނުންގެ ޖަމްއިއްޔާ، ރެޑްލައިން ކުލަބް އަދި ނާވައިދޫ ޒުވާނުންގެ ޖަމްއިއްޔާއެވެ.

           މިމުބާރާތުގައި ބައިވެރިވާ އަންހެން 5 ޓީމަކީ ހުޅުމާލޭ ސްޕޯޓްސް އާއި ޕޮލިސް ކުލަބާއި ވޮލީ އެސޯސިއޭޝަނުގެ ޔޫތް ޓީމާއި ތ. ދިޔަމިގިލީ ޒުވާނުންގެ ގުޅުމުގެ އިތުރުން ލ. މާބައިދޫ އިސްދަރިވަރުންގެ ދިރުމެވެ.